ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒް ހޯދަން ބަޔާން މިއުނިކުން ހުށަހެޅި 58.6 މިލިއަން ޕައުންޑްގެ ބިޑަކަށް ލިވަޕޫލުން ނޫނެކޭ ބުނެފިއެވެ.
ސީޒަން ނިމުނުތަނާހެން ބަޔާނުން ޑިއާޒް ހޯދަން މަސައްކަތް ފަށާފައިވާ އިރު، ފުރަތަމަ މަރުހަލާއިން ފެށިގެންވެސް ލިވަޕޫލުން ބުނަމުން ދިޔައީ ޑިއާޒަކީ ވިއްކާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ.
އެހެން ލިވަޕޫލުން ބުނަމުން ދިޔަ ނަމަވެސް، ބަޔާނުން އަންނަނީ ޑިއާޒް ހޯދަން މަސައްކަތް ކުރަމުންނެވެ. އުމުރުން 28 އަހަރުގެ ޑިއާޒަށް ބަޔާނުން މިއަދު ފުރަތަމަ ބިޑެއް ކޮށްފައިވާ އިރު، އެ ބިޑުގެ އަގަކީ 58.6 މިލިއަން ޕައުންޑެވެ.
އެ ބިޑަށް ލިވަޕޫލުން ނޫނެކޭ ބުނި ނަމަވެސް، ބަޔާނުން ޑިއާޒް ހޯދަން ކުރާ މަސައްކަތް އެއްކޮށް މަޑުޖައްސައިލާނެ ކަމަކަށް ނުބެލެވޭ ކަމަށް ހަބަރުތައް ބުނެއެވެ. އެއީ ލިވަޕޫލުންވެސް ފޯވަޑެއް ހޯދަން މަސައްކަތް ކުރަމުންދާތީއެވެ.
ޑިއާޒް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ހޫނު މޫސުމަށް ހަމަވާނެއެވެ. މިދިޔަ ސީޒަނުގައި ޑިއާޒް ވަނީ 22 ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން 13 ގޯލަކީ ލީގުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިން ގޯލުތަކެވެ.
ޑިއާޒް ހޯދަން މެންޗެސްޓާ ސިޓީއާއި ސައުދީ އަރަބިއާގެ ބައެއް ކްލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނަ އިރު، ލިވަޕޫލުން އަދި މަސައްކަތް ކުރަނީ ޑިއާޒް ވިއްކާ ނުލުމަށެވެ.
މުޙައްމަދު ޝަމްޢޫން
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް