ބެންފިކާއަށް ކުޅެމުންދާ ސްޕެއިންގެ ޑިފެންޑަރު އަލްވާރޯ ކަރޭރާސް ގެންދަން ރެއާލް މެޑްރިޑުން ނިންމައިފިއެވެ.

އުމުރުން 22 އަހަރުގެ ލެފްޓް ބެކް ގެންދަން ރެއާލުން އެއްބަސްވެފައި ވަނީ 43 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެއީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ކަރޭރާސްއަކީ މީގެ ކުރިން، ޒުވާން ދުވަސްވަރު ރެއާލްގައި ދުވަސްތަކެއް ހޭދަކޮށްފައިވާ ޑިފެންޑަރެކެވެ.

ކަރޭރާސް ވަނީ 2017 ވަނަ އަހަރުން 2020 ވަނަ އަހަރާ ދެމެދު، ރެއާލްގެ ޔޫތު ޓީމުގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭގެފަހުން އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައިވެއެވެ. ޔުނައިޓެޑްގައި ހުރި ދުވަސްވަރު، ލޯނު އެއްބަސްވުންތަކުގެ ދަށުން ޕްރެސްޓޮންއާއި ގްރަނާޑާއަށްވެސް ކަރޭރާސް ކުޅެފައިވެއެވެ.

ބެންފިކާއާ ކަރޭރާސް ފުރަތަމަ ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، އެ ކްލަބުން ވަނީ 2024 ވަނަ އަހަރު މޭ މަހު، ކަރޭރާސްގެ އެއްބަސްވުން ދާއިމީ ކޮށްފައެވެ.

މިދިޔަ ސީޒަނުގައި ބެންފިކާއިން ލީގު ތާވަލުގެ ދެވަނައިގައި ނިންމާލި އިރު، ކަރޭރާސް ވަނީ މިހާތަނަށް އެ ކްލަބަށް 68 މެޗު ކުޅެދީފައެވެ. އެޓީމުން ކްލަބު ވޯލްޑް ކަޕުގައި ކުޅުނު ޓީމުގައިވެސް އޭނާ ހިމެނުނެވެ.