ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް، ޗެލްސީން ފީފާ ކްލަބު ވޯލްޑް ކަޕާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް ޗެލްސީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. 80،000 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެ ސްޓޭޑިއަމް ފުރިފައި އޮތް އިރު، މިރޭގެ ފައިނަލް ވެގެންދިޔައީ ތާރީހީ ކްލަބު ވޯލްޑް ކަޕު ފައިނަލަކަށެވެ. އެއީ އާ ފޯމެޓްގެ މުބާރާތުގެ ފުރަތަމަ ފައިނަލަށްވުމުންނެވެ. ފައިނަލު ފެށިގެން ދިޔައީވެސް ކުލަގަދަ އިވެންޓަކާއެކުގައެވެ. އަދި ހާފް ނިމުމުންވެސް ސުޕަ ސްޓާރުންގެ ހުށަހެޅުންތަކެއް ފެނިގެން ދިޔައެވެ.
މިރޭގެ މެޗަށް ނުކުތްއިރު ފެވަރިޓުންގެ ގޮތުގައި އޮތީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއެވެ. ނިމިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޕީއެސްޖީން ފައިނަލަށް ނުކުތީ އެޓީމާ ދެކޮޅަށް ނުކުތް އިނގިރޭސި ހުރިހާ ކްލަބުތަކެއްވެސް ބަލިކުރަމުން ގޮހެވެ. އަދި ކްލަބު ވޯލްޑް ކަޕުގެ ފައިނަލަށްވެސް ޕީއެސްޖީ ދިޔައީ ވަރުގަދަ ބަޔާން މިއުނިކާއި ރެއާލް މެޑްރިޑްވެސް ފަރަގު ބޮޑުކޮށް ބަލިކޮށްފައެވެ.
ޕީއެސްޖީގެ ހަލުވި، އާދަޔާހިލާފު ކުޅުމަށް ޗެލްސީ ދޭނެ ރައްދަކީ ކޮބައިތޯ ބަލަން ގިނަ ބަޔަކު ކެތް މަދުވެފައި ތިއްބާ، މެޗު ވަރުގަދަކޮށް ފެށީ ޗެލްސީންނެވެ. ފުރަތަމަ ކަށިގަނޑުން ފެށިގެންވެސް ޗެލްސީން ކުރިއަށް ޖައްސައި، ޕީއެސްޖީ ޕްރެޝަރު ކޮށްލިއެވެ. ކޯޗު އެންޒޯ މަރެސްކާ، ޗެލްސީ ކެޕްޓަން ރީސް ޖޭމްސް މެދުތެރެއަށް ކުޅުވުން ވީ ރަނގަޅު ބަދަލަކަށެވެ.
ޖޭމްސްގެ ތަފާތު މެދުތެރެއިން ފެނުނު އިރު، ކުރީކޮޅުގައި ޖޮއާއޯ ޕެޑްރޯ އުފެއްދި ހަމަލާއެއްގައި ކޯލް ޕާމާ ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ދިޔައީ ކިރިޔާއެވެ. ޗެލްސީގެ ނުރައްކާ އެހިސާބުންވެސް ފެނިގެން ގޮސްފައިވާ އިރު، އަނެއްކޮޅުން ޕީއެސްޖީގެ ޑިސައިރީ ޑޫއޯ ވަނީ ފުރަތަމަ ހާފުގައި ދެ ފަހަރަކަށް ނުރައްކާ ކޮށްފައެވެ.
އެ ނޫން ހަމަލާތަކެއް ޕީއެސްޖީ ފަރާތުން ފެނިފައި ނުވާ އިރު، ޗެލްސީ އެޓޭކެއް އެޓީމަކަށް ނުހިފެހެއްޓުނެވެ. ޕާމާގެ ކުޅަދާނަކަން ދައްކާލައި، ދާދި އެއްކަލަ ދެ ނިންމާލުމަކާއެކު ޗެލްސީއަށް ދެ ގޯލުގެ ލީޑެއް ނަގައިދިން އިރު، ހާފު ނިމެން ދަނިކޮށް، އޭނާ ތަނަވަސްކުރި ފުރުސަތެއްގައި ބްރެޒިލްގެ ޖޮއާއޯ ޕެޑްރޯ ވަނީ ޗެލްސީއަށް ތިންވަނަ ގޯލެއް ޖަހައިދީފައެވެ.
ދެވަނަ ހާފަށް ޕީއެސްޖީން ހިތްވަރާއެކު ނުކުމެ، ކުރީކޮޅުގައި ނުރައްކާވެސް ކުރިއެވެ. ޑޫއޯގެ ހަމަލާއެއްގެ އިތުރުން އުސްމާން ޑެމްބެލޭގެ ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ޕީއެސްޖީން އެޓޭކަކަށްފަހު އެޓޭކަކަށް ތައްޔާރުވި ނަމަވެސް، ޗެލްސީން ދިޔައީ މެޗު ލަސްކޮށް، މަޑުމަޑުން ވަގުތު ދުއްވަމުންނެވެ.
އޭގެ އިތުރުން ބަދަލަކަށް ޗެލްސީން ނެރުނު ފޯވަޑް، ލިއަމް ޑެލަޕަށް ޗެލްސީގެ ލީޑު ފުޅާކުރަންވެސް ފުރުސަތު ލިބުނެވެ. އޭނާ ދުރުން ފޮނުވާލި ހަމަލާއާއި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާވެސް މަތަކުރީ ޕީއެސްޖީގެ އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއެވެ.
ފަހުކޮޅުގައި މެޗު ހޫނު ވެގެން ގޮސްފައިވާ އިރު، ޕީއެސްޖީ ކުޅުންތެރިން ފަރާތުން ފެނުނީ މާޔޫސްކަމެވެ. ހާއްސަކޮށް ގިނަ ރީނދޫ ކާޑުތަކެއް ފެނިގެން ދިޔައެވެ. އަދި ޗެލްސީގެ ޑިފެންޑަރު މާކް ކުކުރޭޔާ ބޮލުގެ އިސްތަށި ގަނޑުގައި ހިފައި ދަމައިގަތުމުން ޕީއެސްޖީގެ ޖާއޯ ނެވޭސްއަށް ރަތް ކާޑު ދައްކާފައިވެއެވެ.
މީގެ ކުރިން ޗެލްސީން ކްލަބު ވޯލްޑް ކަޕު ކާމިޔާބުކޮށް، ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ 2022 ވަނަ އަހަރުއެވެ. އެއީ މުޅިން އެހެން ފޯމެޓަކަށް ކްލަބު ވޯލްޑް ކަޕު އޮތް އިރުއެވެ. މިއީ އާ ފޯމެޓަކަށް 32 ޓީމާއެކު ގައުމުތަކުގެ ވޯލްޑް ކަޕު އޮންނަ ސިސްޓަމަށް ފީފާއިން ކްލަބު ވޯލްޑް ކަޕު ބޭއްވި ފުރަތަމަ ފަހަރެވެ.
މިރޭގެ މެޗު ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަޑައިގެންފައިވާ އިރު، މެޗަށްފަހު މުބާރާތުގެ މަގާމުތައް ހޮވުމަށް ވަނީ ހަމަޖައްސައިފައެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް