ސްވިޑެންއާ އަލަށް ހަވާލުވި ކޯޗު ގްރަހަމް ޕޮޓާ، ފުރަތަމަ ފަހަރަށް ގައުމީ ޓީމުގައި އިއުލާނުކުރި ސްކޮޑުގައިވެސް އަނިޔާގައި ހުރި ލިވަޕޫލް ފޯވަޑް އެލެކްސެންޑާ އިސާކް ހިމަނައިފިއެވެ.
އުމުރުން 50 އަހަރުގެ ޕޮޓާ ސްވިޑެންއާއެކު ތައްޔާރުވަމުން ދަނީ މި މަސް ތެރޭގައި ކުޅެން އޮތް ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތަކަށެވެ. އޭނާއަށް ގައުމީ ޓީމާއެކު އޮތް ޓާގެޓަކީ ކޮލިފިކޭޝަނުން ޖާގައެއް ހޯދުމެވެ. އެއީ އުނދަގޫ ކަމަކަށްވެސް ވާނެއެވެ.
ސްވިޑެން މިވަގުތު އޮތީ ޔޫރޮޕިއަން ކޮލިފިކޭޝަން ގްރޫޕް ބީގެ އެންމެ ފުލުގައެވެ. އެއީ ހަތަރު މެޗުން އެންމެ ޕޮއިންޓަކާއެކުގައެވެ. މިހާރު އޮތް ހާލަތުން ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދަން ސްވިޑެންއަކަށް ފުރުސަތެއް ނުވެސް ނެތެވެ. އެޓީމަށް ޕްލޭ އޮފްއަށް ދެވެންވެސް އޮތީ ހަނި ފުރުސަތެކެެވެ.
ޕޮޓާ، އިސާކް އޭނާގެ ސްކޮޑުގައި ހިމެނި ނަމަވެސް، ލިވަޕޫލުން އެންމެފަހުން ކުޅުނު ހަތަރު މެޗުގައިވެސް އޭނާ ފެނިގެން ގޮސްފައެއް ނުވެއެވެ. އެންމެފަހުން އިސާކް ކުޅުނީ އެޓީމުން ޗެމްޕިއަންސް ލީގުގައި ފްރޭންކްފާޓާ ދެކޮޅަށް ކުޅެ، 5-1 އިން މޮޅުވި މެޗުގައެވެ. އިސާކަށް އެމެޗުގައި ކުރިމަތިވީ އުކުޅުވަޅުގެ އަނިޔާއެކެވެ.
އިސާކް ސްވިޑެން ސްކޮޑަށް ނަގާފައި ވަނީ ގައުމީ ޓީމު މެޗުތަކަށް ފިޓްވާނެ ކަމަށް ބަލައިފައެވެ. އިސާކް ސްކޮޑަށް ނެގި ނަމަވެސް، އާސެނަލްގެ ފޯވަޑް ވިކްޓޯ ޔޯކެރޭޝްއަށް ޕޮޓާގެ ސްކޮޑުން ޖާގައެއް ނުދެއެވެ.
އާސެނަލުން ރޭ ކުޅުނު މެޗުގައި ޔޯކެރޭޝްއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެ، ކްލަބުން ދަނީ އިތުރަށް ބަލަމުންނެވެ.
ސްވިޑެންއިން ކޮލިފަޔައިންގައި ފުރަތަމަ ކުޅެން ޖެހެނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. އެއީ މިމަހު 16 ވަނަ ދުވަހުއެވެ. ދެން ކުޅޭނީ ސްލޮވޭނިއާއާ ދެކޮޅަށެވެ. އެއީ 19 ވަނަ ދުވަހުއެވެ.
ސްވިޑެން
ސްވިޑެން
ސްވިޑެން
ސްވިޑެން