މިއަދު ފަށާ ވޯލްޑް ކަޕް 2026 އަކީ ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހިއުން-މިން ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށްބުނެ ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ވޯލްޑް ކަޕްގެ ގްރޫޕު އޭގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 33 އަހަރުގެ ދެކުނު ކޮރެއާ ފޯވާޑް ސޮން ބުނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ދުވަހަކުވެސް ބުނެފައި ނުވާނެ ކަމަށާއި އެއީ އޭނާ އަމިއްލައަށް ނިންމާނެ ނިންމުމެއް ކަމަށެވެ.
ގިނަ އަހަރުތަކެއް ވަންދެން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރި ސޮންއަކީ ކޯޗު ހޮންގް މިޔުންގް-ބޯގެ ފުރަތަމަ އެގާރައިން ޖާގަ ކަށަވަރުވެފައިވާ ކުޅުންތެރިއެކެވެ. ނަމަވެސް 2025 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް އެމެރިކާގެ ލޮސް އެންޖެލިސް އެފްސީއާ ގުޅުނު ފަހުން އޭނާގެ ގޯލު ޖެހުމުގެ ފޯމު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ.
މިއީ ކޯޗު ހޮންގް ދެކުނު ކޮރެއާގެ ޓީމާ ހަވާލުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕްގައި އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ކޮރެއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. ހޮންގް ބުނި ގޮތުގައި 2014 ގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއަދާ ހަމައަށް ގިނަ ތަޖުރިބާތަކެއް ހާސިލުކުރެވިއްޖެ ކަމަށާއި ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ.
މީގެ އިތުރުން މެކްސިކޯގެ އުސް ސަރަހައްދުތަކަށް ހޭނުމަށް ކުޅުންތެރިންނަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ހުރިހާ ކުޅުންތެރިންވެސް އެ މާހައުލަށް ހޭނި، މެޗަށް ތައްޔާރަށް ތިބިކަމަށް ކޯޗު ފާހަގަކުރިއެވެ.
މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި ތަޖުރިބާކާރު ޗެކް ރިޕަބްލިކް ޓީމާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުން ނަތީޖާއެއް ނެރުން ކޮރެއާއަށް މުހިންމެވެ. ސަބަބަކީ ދެވަނަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއާ ދެކޮޅަށް ކުޅެން ޖެހުމެވެ.
ކޯޗު ހޮންގް ބުނީ މެކްސިކޯއަކީ ފުޓުބޯޅައިގެ ގަދަބާރެއް ކަމަށާއި، އަމިއްލަ ގައުމުގައި ކުޅުމުގެ ފައިދާ އެ ޓީމަށް އޮންނާނެ ކަމަށެވެ. އެހެންނަމަވެސް މިވަގުތު ވިސްނުން ހުރީ ފުރަތަމަ މެޗަށް ކަމަށް އޭނާ ބުންޏެވެ.
ސޮން ބުނިގޮތުގައި ގްރޫޕް ސްޓޭޖުގައި ކުޅޭ ތިން މެޗަކީވެސް ވަރަށް މުހިންމު މެޗުތަކެކެވެ. ޗެކް ރިޕަބްްލިކާއި މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުތަކަށްފަހު ކޮރެއާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.
މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި ޗެކް ރިޕަބްލިކްއާ ދެކޮޅަށް ދެކުނު ކޮރެއާއިން ނުކުންނާނީ ރާއްޖޭގަޑިން މާދަމާ ހެނދުނު 7:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026