ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމުން ޗެލްސީގެ ކުޅުންތެރިންނަށް ދޭ ބޯނަސް ފައިސާއިން، ލިވަޕޫލަށް ކުޅުނު ޑިއޭގޯ ޖޮޓާއާއި އޭނާގެ ކޮއްކޮ، އަންދްރޭ ސިލްވާއަށް ބައެއް އަޅަން އެ ކްލަބުން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ޖޮޓާއާއި ކޮއްކޮ ސިލްވާ ކުއްލި ގޮތަކަށް މަރުވެފައިވަނީ ކާރު އެކްސިޑެންޓެއްގައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ޖޮޓާއާއި ކޮއްކޮ މަރުވި ކާރު އެކްސިޑެންޓް ހިނގާފައިވަނީ ސްޕެއިންގައެވެ. އެއީ ޖޮޓާ އެނބުރި ލިވަޕޫލަށް ދިއުމުގެ ތެރޭގައެވެ. ކައިވެންޏަށް ފަހު ޗުއްޓީ ނިންމާލައި، ޖޮޓާ، އޭނާގެ ކޮއްކޮއާއެކު ލަމްބޯގިނީއެއްގައި އިނގިރޭސިވިލާތަށް ދާން ދިޔައީ މަތިން ދަތުރުކުރުމަށް ޑޮކްޓަރު ހުއްދަ ދީފައި ނުވާތީއެވެ.

އެއީ މައިނާ ސާޖަރީއެއްގެ ސަބަބުންނެވެ. ކާރުގައި ގޮސް ފެރީއެއްގައި އިނގިރޭސިވިލާތަށް ދާން ޖޮޓާ ދިޔަ މަގުމަތީގައި ކާރު އެކްސިޑެންޓުވީ ސްޕެއިންގެ ތެރެއިންނެވެ.

ޗެލްސީން ކްލަބު ވޯލްޑް ކަޕް ހޯދުމުން، ކޮންމެ ކުޅުންތެރިޔަކަށްވެސް ފަސް ލައްކަ ޕައުންޑް ދޭން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ. ޖުމުލަ 15.5 މިލިއަން ޕައުންޑްގެ ފައިސާއެއް ޗެލްސީން ބަހަން ނިންމާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ހަބަރުތައް ބުނެފައިވަނީ ކޮންމެ ކުޅުންތެރިޔަކަށް ދޭން ނިންމާފައިވާ އަދަދު، ޖޮޓާގެ ދެބެއިންނަށްވެސް ޗެލްސީން ދޭން ނިންމާފައިވާ ކަމަށެވެ.

ކްލަބު ވޯލްޑް ކަޕުގެ ތެރެއިންވެސް ޗެލްސީން ވަނީ ޖޮޓާގެ ދެބެއިންނަށް ހާއްސަ ޓްރިބިއުޓެއް ދީފައެވެ. ހާއްސަކޮށް އެ ކްލަބަށް ކުޅެމުންދާ ޕެޑްރޯ ނެޓޯއަކީ ޖޮޓާގެ ގާތް އެކުވެރިއެކެވެ. އެ ދެ ކުޅުންތެރިން ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް އެކުގައި ކުޅެފައެވެ.