އާންމު ވިސްނުމަކީ ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވުމެވެ. އެފަދަ ހެކިތައް ޝަރީއަތަށް ބަލައިނުގަންނާނެކަމާމެދު ޔަގީނާ ގާތަށް ވިސްނުން ހުންނަނީ ގޮސްފައެވެ.
ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވެސް ބަޔާންކުރަނީ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފު ފިޔަވައި، އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ގާނޫނާ ހިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ ކަންކަމެއް ނޫން ކަމަށާއި އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީއަތަށް ގަބޫލުކޮށްގެން ނުވާނެކަމަށްވެސް އެ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.
އެ ހުރިހާ ކަމެއް އެގޮތަށް ހުރުމުން އާންމު ވިސްނުމަކީ ގާނޫނާ ހިލާފަށް ފުލުހުން ހޯދާ ހެކިތައް ބަލައިނުގަނެވޭނެ ކަމެވެ. އެކަމަކު އެއީ ކުށްހީއެކެވެ. ތަރައްގީވެފައިވާ ޑިމޮކްރަޓިކް ގައުމުތަކުގައި ގާނޫނާ ހިލާފަށް ހޯދާ ހެކިތައް މުޅީން އެކަހެރިއެއް ނުކުރެއެވެ. އެ ގައުމުތަކުގައި ގާނޫނާ ހިލާފު ހެކިތައް ބަލައިގަންނަނީ ގާނޫނަކުން ކަނޑައަޅައިފައިވާ ހަރުކަށި މިންގަނޑެއްގެ ތެރޭގައެވެ. ކޮންމެ ކޮންމެ މައްސަލައެއްގައި ގާނޫނާ ހިލާފު ހެކިތަކެއް ބަލައެއްނުގަނައެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް މިފަހުން ނިންމި މައްސަލަތަކެއްގައި ވަނީ ގާނޫނާ ހިލާފަށް ފުލުހުން ހޯދި ހެކިތަކެއް މުޅީން އެކެހެރިކުރަން ދެކޮޅު ހަދައިފައެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ މުޖުތަމައަށް ނުރައްކާ ވެދާނެ ކުށްވެރިޔަކު މުޖުތަމައަށް ދޫނުކުރުމަށާއި ތުހުމަތުވާ ފަރާތް ކުށްކުރިކަން އެނގޭއިރުވެސް މުޖުތަމައަށް ދޫކޮށްލަން ބޭނުން ނުވާތީއެވެ.
މަރުގެ މައްސަލައެކެވެ. މަސްތުވާތަކެތީގެ މައްސަލައެކެވެ. ދެ މައްސަލައަކީވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތަކެވެ. ދެ މައްސަލައިގައިވެސް ފުލުހުން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށެވެ. ގާނޫނާ ހިލާފު ހެއްކާމެދު ރާއްޖޭގައި އަމަލުކުރަންވީ އިސްތިސްނާ ހާލަތްތައް ބަޔާންކުރާ ގާނޫނެއް ނެތެވެ. އެފަދަ ގާނޫނެއް ނެތުމަކީ މުޅި ނިޒާމު މެދުވެރިކޮށް ކުށްކުރާ މީހުންނަށް ފަހި ވެށްޓެއް ގާއިމުކޮށްދިނުމެއްވެސް ނޫނެވެ. މި ފާހަގަކުރާ މަރުގެ މައްސަލައިގައި ފުލުހުން، ގާނޫނުއަސާސީން ކުށުގެ ތުހުމަތުކުރެވޭ ފަރާތަށް ފޯރުކޮށްދޭން ޖެހޭ ދުސްތޫރީ ހައްގުތައްވެސް އެންމެ ފުރަތަމަ ފޯރުކޮށެއް ނުދެއެވެ.
ކުރީން ފާހަގަކުރި ދެ މައްސަލައިގައިވެސް އަދި އެހެން ބައެއް މައްސަލަތަކުގައި ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ ގާނޫނާ ހިލާފަށް ހޯދާ ހެކިތައް އިސްތިސްނާ ހާލަތްތަކެއްގައި ބަލައިގަނެވޭނެކަން ގަބޫލުކޮށްފައެވެ. ނަމަވެސް އެ ހެއްކަކީ ގާނޫނު ތަންފީޒުކުރާ ފަރާތަކުން ހެޔޮ ނިޔަތުގައި ކުރާ އަމަލެއްގެ ސަބަބުން ލިބޭ ހެއްކަކަށް ވާން ޖެހެއެވެ. ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާތަކުގައިވާ ގޮތުން އެއް އިސްތިސްނާ އަނެއް އިސްތިސްނާއާ އަޅައެއް ނުކިޔޭނެ އެވެ. މާނައަކީ އެވެނި މައްސަލައެއްގައި އިސްތިސްނާ ދީފައިވުމުން މިވެނި މައްސަލައެއްގައި ކުރީގެ އިސްތިސްނާގެ ކަންކަމަށް ރިއާޔަތް ނުކުރެމެވެ. ސަބަބަކީ ހުރިހާ މައްސަލަތަކެއްގައި ފުލުހުންގެ އަމަލުތައް އެއްގޮތަށް ނުހުރުމެވެ.
ކޯޓުން އިސްތިސްނާއެއް ދިނުމާއި ނުދިނުން ބިނާވަނީ ފުލުހުން އާންމު ފަރުދުންގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރާ މިންވަރުގެ މައްޗަށެވެ. ފާޅުކަން ބޮޑު ގޮތެއްގައި ހައްގުތައް އެއްފަރާތްކޮށް ހިންގާ ތަހުގީގުތަކުން ހޯދާ ހެއްކަކީ ކޯޓަށް ބަލައިގަންނާނެ ހެއްކެއް ނޫންކަމަށް ސާފުކޮށް އެ ގަޒިއްޔާތަކުގައި ބަޔާންކުރެއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމުން ނުރައްކާތެރި ދޮރެއް ހުޅުވުމުގެ ފުރުސަތު އެބައޮތްތަ؟
އޭގެ ތެރެއިން އެއް މައްސަލައިގައި ހިމެނޭ ވަކީލަކު "ވަން" އަށް ވިދާޅުވީ ގާނޫނާ ހިލާފު ހެކިތަކެއް ސުޕްރީމް ކޯޓުން ބަލައިގަތުމުން، މުޖުތަމައުގެ ރައްކާތެރިކަން ފިޔަވައި އެހެން ކަންކަމަށް ރިއާޔަތްކުރުންވެސް މުހިންމު ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ހުކުމްތަކުގެ ސަބަބުން ފުލުހުންނަށް އެވަނީ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ފަސޭހަ ގޮތެއްގައި ހެކި ހޯދުމަށް މަގުފަހިވެފައިކަމަށް އެ ވަކީލު ވިދާޅުވިއެވެ.
ފުލުހުންނަށް ކުރީން އެނގޭނެ އިޖުރާއަތްތައް ފުރިހަމަ ނުކުރާނަމަ ހެކި ބަލައިނުގަންނާނެކަން ނަމަވެސް މިހާރު ގޮސް "ހެޔޮ ނިޔަތް" ސާބިތުކޮށްދިނުމުން ފުލުހުން ހޯދާ ހެކިތައް ބަލައިގަންނާނެ ކަމަށް މި ވަކީލު ދެކެއެވެ. ވަކީލު ދެކޭ ގޮތުގައި އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
"ގާނޫނުތަކުން ފުލުހުންނަށް ބާރުތަކެއް އެބަދޭ، ކޯޓު އަމުރެއް ނެތި ބައެއް ހާލަތްތަކުގައި ތަންތަން ބަލައި ފާސްކޮށް މީހުން ހައްޔަރު ކުރެވިދާނެކަމަށް. އެގޮތަށް ހޯދާ ހެއްކެއް ގާނޫނާ ހިލާފެއް ނުވާނެ. ނަމަވެސް ފުލުހުން ހުރިހާ އިޖުރާއަތަކާ ހިލާފަށް މީހަކަށް ލިބިދޭ ހައްގުތައް ނިގުޅައިގަނެގެން ހޯދާ ހެއްކެއް ގަބޫލުކުރުމަކީ، އަދުލުގެ ދާއިރާއަށް އަންނާނެ ކިލަނބުކަމެއް" ވަކީލު ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ ތާރީހުގެ މާޒީއަށް ބަލާއިރު ސިޔާސީ ބަޔަކު ފުލުހުންގެ އެހީތެރިކަމާއެކު ފްރޭމްކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަަކެއް އެބަހުރިކަމަށް ވަކީލު ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް މައްސަލަ ތުހުމަތުކުރެވޭ ފަރާތަށް ދަށު ކޯޓުން ސާބިތުވެ ޖަލަށްވެސް ލައިފައި ވާނެކަމަށް ވަކީލު ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި ހުރި ހެކިތަކުގެ ސައްހަކަމާމެދު ސުވާލު އުފެދި އެ ހުކުމުގެ ހާލަތު ބަދަލުވެގެން ދިޔައީ ފުލުހުން އަމަަލުކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ. ފުލުހުން ބަލައި ފާސްކުރިއިރު ވީޑިއޯއެއް ނުކުރާ ކަމަށާއި ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރު ދެއްކުމުގެ މާކުރީންކަން ވަކީލު ފާހަގަކުރެއްވިއެވެ. އެއީ ހަމަ އަސްލުވެސް އެތަނުން ފެނުނު ހެކިތަކެއްކަމާމެދު ސުވާލު އުފެދުނީ ފުލުހުން އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ކަމަށެވެ.
ވަކީލު އެ ފާހަގަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނު މައްސަލަައަށެވެ.
"ނަމަވެސް ދެން ކިހިނެއްތޯ ވަނީ. ފުލުހުން އިޖުރާއަތްތަކާ ހިލާފުވެފަ ހެކި ހޯދާފަ މި ބުނަނީ ހެޔޮ ނިޔަތުގަ ކުރި ކަމެކޭ. އެކަން ފުލުހުންނަށް ޖަސްޓިފައި ކޮށްދެވުނަސް އެކަން ކޮށްފައިވަނީ ފްރޭމްކުރަންކަން ތުހުމަތުވާ ފަރާތަށް، ފަނޑިޔާރުން ކޮންވިންސް ކޮށްދޭން އުނދަގޫވާނެ. ސަބަބަކީ ދިފާއަށް ބެލެން އޮންނާނީ ފުލުހުންގެ އަމަލުކުރަން ޖެހޭ ގާނޫނުތަކާއި އެހެނިހެން ތަކެތި. އެއާ ހިލާފު ވާނަމަ އެ ހެއްކާމެދު ސުވާލު އުފެއްދޭނެ. އެކަމަކު ދެން އެ ޕްރިވެލެޖް ދިފާއަކަށް ނޯންނާނެ. އެއީ ފަނޑިޔާރުންނަށްވެސް އެނގޭ މީ ގާނޫނާ ހިލާފަށް ހޯދި ހެކިތަކެއްކަން" ވަކީލް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން ގާނޫނާހިލާފު ހެކިތަކެއް ބަލައިގަތުމުގައި ރިއާޔަތް ކޮށްފައިވަނީ ފުލުހުންގެ ނިޔަތަށާއި ދެން މައްސަލައިގައި ލިބިފައިވާ ހެކިތަކަށެވެ. ނަމަވެސް އެ ހެޔޮނިޔަތް ދެނެގަންނަނީ ބޭރު ފުށުން ބަލައިގެންނެވެ.
ވަކީލުގެ ކަންބޮޑުވުމަކީ މީހުން ފްރޭމް ކުރުން ފަސޭހަވެގެން ދިޔުމެވެ.
ދައުލަތުން މީހެއްގެ މައްޗަށް ދައުވާކުރާއިރު ބާރުވެރި ފަރާތަކީ ދައުލަތެކެވެ. މައްސަލަތައް ތަހުގީގު ކުރުމުގައި އަދި ދައުވާ ކުރުމުގެ އިތުރުން ހެކިތައް ބަލައިގަތުމަށް ހާއްސަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވަނީ އިންސާފުވެރިކަމާއެކު ކޮންމެ މީހަކާމެދުވެސް ޝަރީއަތް ކުރުމަށެވެ. އެއްވެސް ފަރާތަކުން އިޖުރާއަތާ ހިލާފުވާނަމަ ނުވަތަ ގާނޫނާހިލާފުވާނަމަ އެކަމުގެ މަންފާ ތުުހުމަތުކުރެވޭ ފަރާތަށް ލިބިދޭ ގޮތަށެވެ. ސަބަބަކީ ނުހައްގުން އެއްވެސް މީހަކަށް އަދަބެއް ލިބުނަ ނުދިނުމެވެ.
އެއްކޮޅުން އަމާން ވެއްޓެއް ރައްޔިތުންނަށް ގާއިމުކޮށްދިނުމަށް ހުވާކޮށްގެން ތިބި ފުލުހުންނެވެ. އެ ހުވަޔާ އެއްގޮތަށް ފުލުހުން އެ މީހުންގެ ވާޖިބު އަދާކުރެއެވެ. އަމާންވެއްޓެއް ގާއިމުކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ތުހުމަތުވާ މީހުން ހިފައި ހައްޔަރުކުރަންޖެހެއެވެ. އަނެއްކޮޅުގައި ތުހުމަތުވާ މީހުންގެ ހައްގުތަކެވެ. އެ ހައްގުތައްވެސް ލިބިދޭކަން ކަށަވަރުކުރާން ފުލުހުން ޖެހެއެވެ.
ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމުކޮށްދިނުމުގެ ޒިންމާއާއި ކުށުގެ ވެށީގެ ބިރުން ރައްޔިތުން ހިމާޔަތްކޮށް، ކުށްވެރީން ހިފައި ގެންގުޅެ، ތަހުގީގުތައް ހިންގުމަކީ ގާނޫނުތައް މިހާރު ހުރިގޮތުން ފުލުހުންނަށް ފަސޭހަކަމެއް ނޫނެވެ. ކުށްވެރިޔާ ބަންދު ކުރުމަށްވުރެ ދޫކުރުން ފަސޭހަވާ ގޮތަށް އޮތް ނިޒާމެކެވެ. އެ ހުރިހާ ކަމެއްގެ ވަގުތީ ހައްލަކީ ސުޕްރީމް ކޯޓުގެ ހުކުމްކަމަށް ބަލައިގެނެވިދާނެއެވެ.
ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ގާނޫނާ ހިލާފަށް ހޯދާ ހެކިތައް ބަލައިގަނެވޭނެ ހާލަތްތަކާއި ބަލައިނުގަނެވޭނެ ހާލަތްތައް ގާނޫނަކުން ކަނޑައެޅުމެވެ. ހުރިހާ އެންމެންގެ މަސްލަހަތުވެސް ހިމާޔަތް ކުރެވޭނެ ގޮތަކީ އެއީ ކަމަށްވާތީއެވެ.
މުހައްމަދު އިޝާން
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ކޮމެންޓް