ސްޕޯޓިން ލިސްބަންއަށް ކުޅެމުންދާ ސްވިޑެންގެ ޒުވާން ތަރި، ވިކްޓޯ ޔޯކެރޭޝްގެ ސޮއި ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޭނާއާ ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޔޯކެރޭޝްއާއެކު އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އަންދްރޭއާ ބާޓާ ބައްދަލުކުރީ ޕޯޗުގަލްގެ ސްޕޯޓިންގައެވެ. އިތުބާރު މަސްދުރުތަކާ ހަވާލާދީ ބީބީސީ ސްޕޯޓްސްއިން ބުނީ ބާޓާ ޕޯޗުގަލްއަށް ދަތުރުކުރިކަން ޔަގީންކުރެވިފައިވާ ކަމަށާއި އެ ދަތުރުގައި ޔޯކެރޭޝްގެ އިތުރުން ސްޕޯޓިންގެ ޓެކްނިކަލް ޓީމުތަކާ ވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.
ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. އޭނާއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ފޯވަޑެވެ.
އާސެނަލުން ފޯވަޑަކަށް ކުރަމުންދާ މަސައްކަތް ދިގުލައިގެންދާތީ، އެކްލަބުގެ ސަޕޯޓަރުންގެ ބައެއް ހިތްހަމަ ނުޖެހުންތައްވެސް ހުރުމާއެކު، ޑީލް ނިންމުން އަވަސް ކުރަން އާސެނަލަށް މަޖުބޫރު ކަމަށްވެސް ނޫސްތައް ބުނެއެވެ.
ޑީލް އަވަހަށް ނިންމަން އަގަކަށް މަޝްވަރާ ކުރިކަމަށް ބައެއް ނޫސްތައް ބުނެފައިވާ އިރު، އެ އަގަކީ 70 މިލިއަން ޕައުންޑްގެ އަގެއް ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އެ އަގަށް ދެ ކްލަބުން އެއްބަސްވެއްޖެ ނަމަ، ކުޅުންތެރިޔާއާއެކު އާސެނަލަށް އެއްބަސްވުމަކަށް ދެވިދާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާސެނަލުން ވަނީ ސްޕެއިންގެ މާޓިން ޒުބެމެންޑީ އެ ކްލަބަށް ގެންގޮސްފައެވެ. އޭގެ އިތުރުން ބްރެންޓްފޯޑުގެ ކެޕްޓަން ކްރިސްޓިއަން ނޯގާޑްގެ ޓްރާންސްފާ ނިންމަންވެސް އާސެނަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް