ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު 33 ޕަސަންޓު ޒުވާނުންނަށް ހާއްސަކުރަން ނިންމައިފިއެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، ކޮމިޓީއަކުން ވަނީ ކައުންސިލު އިންތިހާބުގެ ޕްރައިމަރީއަށް ގެންނަ ބަދަލުތަކާ ގުޅޭ ރިޕޯޓެއް ހުށަހަޅައިފައެވެ. އެ ރިޕޯޓު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އެވެ.

ގައުމީ މަޖިލީހުން މިރޭ ފާސްކުރި އެ ރިޕޯޓުގައި އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޮތީ ޒުވާނުންނަށް އިސްކަންދިނުމުގެ ގޮތުން، ކައުންސިލު އިންތިހާބުގެ ޕްރައިމަރީން ހޮވޭ 33 ޕަސަންޓަކީ ޒުވާނުންގެ ގޮތުގައި ހެދުމެވެ. އެހެންކަމުން ނިންމާފައިވަނީ އެ ގޮނޑިތަކަށް ވަކިން ޕްރައިމަރީއަށް ވާދަކުރެވޭ ގޮތަށް ހުޅުވާލުމެވެ. ނަމަވެސް އެ އަދަދަށް ކުރިމަތިނުލާ ނަމަ، އެހެން އުމުރުފުރާތަކަށް ވެސް އެ ގޮނޑިތަކަށް ފުރުސަތު ލިބޭގޮތަށް ހަދަން ވަނީ ނިންމައިފައެވެ.

ދެން ހިމެނޭ އަނެއް ކަމަކީ ޕްރައިމަރީގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް އެސެސްމަންޓެއް ފުރިހަމަކުރަން ޖެހޭ ގޮތަށް ހެދުމެވެ. އެ އެސެސްމަންޓުގައި ވާދަނުކޮށް، ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ. އެ އެސެސްމަންޓުގައި ބައިވެރިވާން މަޖުބޫރުކުރުވި ނަމަވެސް، އެ އެސެސްމަންޓުން ފާސްވުން މަޖުބޫރެއް ނޫނެވެ.

ޕްރައިމަރީއަށް ހުރިހާ ދާއިރާއަކަށް ބޭނުންވާ އަދަދަށް ކުރިމަތިނުލައިފި ނަމަ، އެ ގޮނޑިތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ޕާޓީން ވަކިން ހޯދުމަށް ވެސް ވަނީ ނިންމައިފައެވެ.