އެމެރިކާގައި ބާއްވަމުންދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ގަދަ 16 ގައި އިންޓަ މިލާނާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗުތަކުން ބަލިވެ، ކަޓައިފިއެވެ.
މިއަހަރު އެމެރިކާގައި ބާއްވަމުންދާ ކްލަބު ވޯލްޑް ކަޕަކީ، 32 ޓީމާއެކު ބާއްވަމުންދާ ފުރަތަމަ ކްލަބު ވޯލްޑް ކަޕެވެ. ގައުމުތަކުގެ މެދުގައި ވޯލްޑް ކަޕު ބާއްވާ އުސޫލަށް ކްލަބު ވޯލްޑް ކަޕުވެސް ބަދަލުކޮށް، ފީފާއިން އާ ވިސްނުމަކާއެކު މުބާރާތް ބާއްވަމުންދާ އިރު، ފެވަރިޓުންގެ ގޮތުގައި އޮތީ ޔޫރަޕްގެ ގައުމުތަކެވެ.
ޔޫރަޕްގެ ފުޓުބޯޅައިގެ ވަރުގަދަ ކަމަށް ދުނިޔެ އަބަދުވެސް ވާހަކަ ދައްކަމުންދާ އިރު، އެ މަންޒަރަށް ކްލަބު ވޯލްޑް ކަޕުގެ ސަބަބުން ބަދަލު އަތުވެދާނެ ކަމަށް މިހާރު ދަނީ ކޮންމެވެސް ވަރަކަށް ބެލެވެމުންނެވެ. ހާއްސަކޮށް ރޭ ގަދަ 16 ގައި ފެނުނު މަންޒަރާއެކު އެވާހަކަތައް އިތުރު ވެގެންދާނެއެވެ.
އިންޓައާއި ސިޓީއަކީވެސް މީގެ ކުރިން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ދެޓީމު ކަމަށްވީ އިރު، އިންޓަ ވަނީ އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ކުޅެފައެވެ.
އިންޓައިން ރޭ ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށް، ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މެޗުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ފްލުމިނެންސޭއިން ލީޑު ނަގާފައިވާ އިރު، ފޯވަޑް ޖާމަން ކާނޯ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ އިންޓަ ކީޕަރު ޔޯން ސޮމާގެ ފައި ތެރެއިންނެވެ.
އޭގެ ފަހުންވެސް ފްލުމިނެންސޭއިން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައިވާ އިރު، ސޮމާގެ ރަނގަޅު ސޭވްތަކެއް ފެނުނެވެ. އަދި އަނެއްކޮޅުން އިންޓަގެ ލައުޓާރޯ މާޓިނޭޒްގެ ނުރައްކާތެރި ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވިއެވެ.
އިންޓައިން ފަހުވަގުތު ޕްރެޝަރު ކުރަމުން ދަނިކޮށް، ފްލުމިނެންސޭއިން މޮޅުވި ގޯލު ޖެހީ ފަހުވަގުތުއެވެ. އެ ގޯލަކީ ހާކިއުލެސް ޖެހި ގޯލެކެވެ.
ސިޓީން ފްލޮރިޑާގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ސައުދީ އަރަބިއާގެ އަލް ހިލާލް ކައިރިން ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ. އެއީ އިތުރު ވަގުތަށް ކުޅެގެންނެވެ.
ސިޓީން ރަނގަޅަށް މެޗު ފަށައި ބަނާޑޯ ސިލްވާގެ ގޯލުން ލީޑު ނަގާފައިވާ އިރު، އޭގެފަހުން ހިލާލް ގޯލްކީޕަރު ޔަސީން ބޮނޫ ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ. އެގޮތުން ސަވީނިއޯއާއި އިލްކާއި ގުންޑޮގަން އަދި ޖޮސްކޯ ގުވާޑިއޯލްގެ ހަމަލާތައްވެސް މަތަކުރީ އޭނާއެވެ.
ފުރަތަމަ ހާފުގައި ހިލާލަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި މާކޮސް ލެއޮނާޑޯ ޖެހި ގޯލުން އެއްވަރުކުރިއެވެ.
އޭގެފަހުން 52 ވަނަ މިނެޓުގައި މަލްކޮމްގެ ގޯލުން ހިލާލް ޝޮކް ލީޑެއް ނެގި އިރު، އަނެއްކާވެސް ސިޓީން އެއްވަރުކުރިއެވެ. ސިޓީއަށް އެއްވަރު ކޮށްދިނީ އާލިން ހާލަންޑެވެ.
އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، ފުރަތަމަ ލީޑު ނެގީ ހިލާލުންނެވެ. އެ ގޯލު ކަލިދޫ ކުލިބާލީ ޖެހި އިރު، ސިޓީއަށް ދެވަނަ ފަހަރަށް އެއްވަރުކޮށްދިނީ ފިލް ފޮޑެންއެވެ. ފޯރިގަދަކޮށް، ތަފާތު ޖޯޝެއްގައި ފެނުނު މެޗުން ހިލާލް މޮޅުވީ ލެއޮނާޑޯ 112 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް