އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ޖެހި ދެ ގޯލާއެކު، ބަޔާން މިއުނިކުން ފީފާ ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބަޔާނުން ކުއާޓާ ޔަގީން ކުރީ ރޭ ބްރެޒިލްގެ ފްލަމެންގޯއާ ދެކޮޅަށް ކުޅުނު މެޗު، 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުން މޮޅުވެ ބަޔާން ކުއާޓާއަށް ތައްޔާރުވެފައިވާ އިރު، އެޓީމުން ކުއާޓާގައި ވާދަކުރަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ފްލަމެންގޯ ނުކުތީ ރަނގަޅު ފޯމެއްގައި އޮވެެގެންނެވެ. އެއީ އެންމެފަހުން ކުޅުނު 11 މެޗުންވެސް ބަލި ނުވެ އޮވެގެންނެވެ. އެ ފޯމު ދަމަހައްޓަން ބަޔާން ކަހަލަ ޔޫރަޕްގެ ގަދަ ބާރަކާ ދެކޮޅަށް ފްލަމެންގޯއިން ނުކުމެ، އެޓީމަށް ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓައިލެވުނީ ހަ ވަނަ މިނެޓާ ހަމައަށެވެ.

އެ ގޯލަކީ ޖޯޝުއާ ކިމިކް ނަގައިދިން ކޯނަރެއްގައި ޗިލީ މިޑްފީލްޑަރު އެރިކް ޕުލްގާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އޭގެ ތިން މިނެޓްފަހުން ބަޔާނުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ކޭން ޖަހައިދިން ގޯލެކެވެ.

ބަޔާނުން ކުރީކޮޅުގައި ޖެހި ދެ ގޯލުގެ ލީޑާއެކު ކުރިއަށް ދަނިކޮށް، ޖާސަން ޖެހި ގޯލަކުން ފްލަމެންގޯ އުންމީދު އާކުރިއެވެ. ހާފު ނިމުމުގެ 12 މިނެޓް ކުރިން ފްލަމެންގޯއިން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، ހާފު ނިމުމުގެ ކުރިން ބަޔާނުން އަނެއްކާވެސް އިތުރު ގޯލެއް ޖެހިއެވެ.

އެއީ ލިޔޯން ގޮރެސްޓްޒްކާ ދުރުން ފޮނުވާލި ބޯޅައަކުން ޖެހި ގޯލެކެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ފްލަމެންގޯއަށް ޕެނަލްޓީއެއް ލިބި، ޖޯޖީނިއޯ ކާމިޔާބުކުރި ގޯލުން އަނެއްކާވެސް ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް ކޭންގެ ގޯލަކާއެކު ބަޔާނުން އަނެއްކާވެސް ހަމަޖެހިލައި، މެޗު ކާމިޔާބުކުރިއެވެ.