އެމްޑީޕީއަށް 20 އަހަރުވެގެންދިޔަ އިރު، ވަކި މީހަކު ނެތިގެން ޕާޓީ ނެތިނުދާނެކަން އެނގިއްޖެ ކަމަށާއި ޕާޓީން ހުދުމުހުތާރުކަން މިހާރު ނައްތާލެވިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު އެހެން ވިދާޅުވެފައިވާ އިރު، ރައީސް ސޯލިހާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން 2023 ގައި ވަކިވެވަޑައިގެންނެވުމަށްފަހު، މިމަހުގެ 23 ގައި އަލުން އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފައެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށްފަހު، އޭރު އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް އެ މަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ގުޅިވަޑައިގެންނެވިއެވެ. އަދި ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގެންނެވީ ވެސް އެ ބޭފުޅުންނާއެކުއެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާތަނަށް ޕާޓީ ދެމެހެއްޓިފައި އޮތީ އަމިއްލަގޮތުން އެކި މެންބަރުން ކުރި ބުރަ މަސައްކަތުން ކަމަށާއި ހަމައެކަނި ވަކި މީހެއްގެ ފަހަތުގައި ނޫޅެ، ކޮންމެ މެންބަރަކު ވެސް ތިމާގެ ޕާޓީއެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.
"ކޮންމެ ބޭފުޅަކު ވެސް ގަބޫލުކުރައްވަންވީ މިއީ ތިމަންނަގެ ޕާޓީ ކަމަށް. ވަކި މީހަކު ނެތިގެން، އިރާދަކުރެއްވިއްޔާ މި ޕާޓީ ނެތިނުދާނެ. ކޮންމެ މީހެއްގެ ވެސް ދައުރެއް އޮތްކަން 20 އަހަރުވީ އިރުގައި، އެމްޑީޕީ ހާމަކޮށްދީފި. އެހެންވީމާ ހުރިހާ ބޭފުޅުން ވެސް މަސައްކަތްކުރައްވަންވީ އެބޭފުޅަކަށް ކުރެވެން އޮތް މަސައްކަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ ހަމައެކަނި ވަކި މީހެއްގެ ޕާޓީއެކޭ ބުނެ، ޕާޓީ ހިފަހައްޓައިގެން ނޫޅެވޭނެކަން މިއަދު އެނގިގެން ގޮސްފި ކަމަށާއި ދެން ކުރަން އޮތް މަސައްކަތަކީ އަންނަން އޮތް ޖީލުތަކަށް އެމްޑީޕީގެ ލީޑާޝިޕް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން ކަމަށެވެ.
"ވިހި އަހަރު ހޭދަކުރި އިރުގައި، އަޅުގަނޑުމެންނަށް ތަޖުރިބާތަކެއް ކުރެވިއްޖެ. ޕާޓީގެ އެތެރޭގެ ހިންގުމުގެ ނިޒާމަށް ވެސް އެބަ ބަދަލު ގެންނަންޖެހޭ. ހަމަގައިމު ވެސް މިހާ ހިސާބަށް އާދެވުނު އިރުގައި، އަޅުގަނޑުމެންނަށް ޕާޓީގެ އެތެރޭގައި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް އޮތް ފުރުސަތު ގެއްލުވާލެވިއްޖެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމުން ވަރަށް އުފާކުރައްވާ ކަމަށާއި އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު