އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ޖަވާބެއް ނުދެއްވައި، ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ މަސައްކަތް އިހަށް ހުއްޓަވައިލެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދުދެއްވައިފިއެވެ.

ރައީސް ސޯލިހަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި ދާދިފަހުން ބޭއްވި ކެއުމެއްގައި އެ މަނިކުފާނުގެ އެ ނިންމެވުން، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އިއުލާންކުރައްވާފައިވާ އިރު، ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވެސް މިރޭ ސޯލިހާ އެ ސުވާލު ކުރިމަތިކުރެއްވިއެވެ.

"ތިއީ މިއަދު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން، އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީ،" ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ޕްރެޒެންޓަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދު އެމްޑީޕީން ކުރަންވީ ކަމަކީ އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށާއި ރިޔާސީ ޕްރައިމަރީގެ ވާހަކައަކީ 2028 ގެ ވާހަކައެއް ކަމަށެވެ. އޭގެ ކުރިން އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ވެސް އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ވިން ކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުމެން އެންމެން ކުރަންވާނެ. ރިޔާސީ އިންތިހާބުގެ އިންޓަރެސްޓް ހުރި ބޭފުޅުން މަސައްކަތް މިހާރު ވެސް އެބަ ކުރައްވާ. އެކަމަކު އަޅުގަނޑަށް ފެންނަނީ އެ ކަންތައްތައް އިހަށް މަޑުޖައްސަވަން އެބޭފުޅުން ވެސް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ މަސައްކަތްތައް މަޑުޖައްސާލުމަށްފަހު، ފުރަތަމަ ފޯކަސްކުރަންވީ އެންމެން އެކީގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކުރެވެން ހުރި މަސައްކަތްކުރަން ކަމަށެވެ.