ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން ބަދަލު ނުހިފާނެކަން އެ މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހާ ދެމެދު ޖެހުނު ދެބަސްވުންތަކެއްގެ ތެރެއިން ރައީސް ނަޝީދު އެމްޑީޕީން 2023 ގައި ވަކިވެވަޑައިގެންނެވުމަށްފަހު، މިމަހުގެ 23 ގައި އަލުން އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފައެވެ. ނަޝީދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އެމްޑީޕީއާ ގުޅިފައެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، މަޝްހޫރު ސައިސްޓިސްޓް އައިންސްޓައިން ދެއްކި ވާހަކައަކަށް އަލިއަޅުއްވައިލައްވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވީ ބަދަލު ހިފާނީ ބަލިކަށި މީހުން ކަމަށާއި މައާފުކުރާނީ "ސްޓްރޯންގް" މީހުން ކަމަށެވެ. އަދި ވިސްނުން ތޫނު މީހުން ކުރާނެ ކަމަކީ "އިގްނޯ" ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަމަގައިމު ވެސް އަޅުގަނޑެއް ނުދާނެ އޭގެ ފުރަތަމަ ބަޔަކަށް. ބަދަލު ހިފުމެއް އަޅުގަނޑުގެ ނޯންނާނެ، ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމުން ވަރަށް އުފާކުރައްވާ ކަމަށާއި ދެ ޕާޓީއަކީ ވެސް ގާތްގަނޑަކަށް އެއް ވިސްނުމެއް ގެންގުޅޭ ދެ ޕާޓީ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ދެ ޕާޓީ އެކުގައި މަސައްކަތްކުރުމުގެ ވާހަކަތައް ދެކެވެން ފެށުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އޭރު ގެންގުޅުނު އެއް ވިސްނުމަކީ ޑިމޮކްރެޓްސްއާ އެކީގައި ކޯލިޝަނެއް ހަދައިގެން ދެބައިމީހުން އެކީގައި، ދެ ޕާޓީ އޮވެގެން ކުރިއަށްދާންވީއޭ. އެއީ އަޅުގަނޑުމެންގެ ލީޑާޝިޕްގައި ބައެއް ބޭފުޅުން ގެންގުޅުއްވި ހިޔާލެއް. ހިޔާލު އަޅުގަނޑާ ހިސާބަށް ގެނައީމަ، ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބުނިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއޭ ތިކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ އެ މަނިކުފާނަށް ގަބޫލުކުރެއްވުނީ އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްގެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކަމަށާއި އޭރު އެކަމަށް ދެކޮޅު ހެއްދެވީ އެގޮތަށް މަސައްކަތްކުރައްވަން ބޭނުންވާތީ ކަމަށެވެ. އަދި މިއަދު އެކަން ނިމިގެން އެ ދިޔައީ އެ ދުވަހު ސްޓޭންޑް ކުރެއްވި ސްޓޭންޑް ކުރެއްވުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު