ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން އިއްޔެ ބުނިގޮތުގައި މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ ލޭންޑިން ކްރާފްޓުން ހަ މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ.

އެ އުޅަނދު، ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ލިބުމާ އެކު، ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ.

އެގޮތުން އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ ނިޔާވެފައެވެ. ނަމަވެސް ގެއްލުނު ބިދޭސީ މީހާ ފެނިފައެއް ނުވެއެވެ.

އެމްއެންޑީއެފުން މިއަދު "ވަން" އަށް ބުނީ "ގެއްލުނު ބިދޭސީ މީހާ ހޯދުން ހުއްޓާނުލާ، ހޯދުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ދަނީ ކުރަމުން،" ކަމަށެވެ.

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ކަނޑުވި ފަސް މީހަކު އިއްޔެ ވަނީ ސަލާމަތްކޮށްފައެވެ. އެ މީހުންނަށް ފަރުވާ ދީފައިވަނީ ޅ. ނައިފަރުގައި ހުންނަ ހޮސްޕިޓަލުންނެވެ.