ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ މަސައްކަތަށް އެމެރިކާގެ ނޭވީގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. މި ހާދިސާއަށް މިހާރު ނުވަ ދުވަސް ވެފައިވާ އިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފްލައިޓްރާޑާގެ މައުލޫމާތުތަކުން ދައްކާގޮތުގައި އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސެއިޑޮން" ބާވަތުގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމާއި ހޯދައި ސަލާމަތްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަތިންދާބޯޓެއް ހުވަދޫ ކަނޑުގެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމެރިކާގެ ނޭވީން ހުވަދޫ ކަނޑު ސަރަހައްދުގައި ފެށި ނަމަވެސް، އެމެރިކާގެ އެ މަސައްކަތާ ގުޅޭ ތަފްސީލެއް އެމްއެންޑީއެފް އަދި ދިވެހި ސަރުކާރުން ވެސް މިހާތަނަށް ދީފައެއް ނުވެއެވެ.
ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމާ ގުޅިގެން ފެށި މި ސާޗް އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައި ފާސްކުރަމުންދާ އިރު، އެމްއެންޑީއެފް އާއި ފުލުހުންގެ ވަސީލަތްތައްވެސް ދަނީ ބޭނުންކުރަމުންނެވެ. އެމްއެންޑީއެފްގެ އޮޕަރޭޝަނުގައި އިއްޔެ ވަނީ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމާލައިފައެވެ.
އެ ތިން މީހުން ގެއްލުނު ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިމަހުގެ ނުވަވަނަ ދުވަހު ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށާއި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ނަމަވެސް، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރެސްކިއު
ރެސްކިއު
ރެސްކިއު
ރެސްކިއު
ކޮމެންޓް