ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ އެމްއެންޑީއެފް ވޮރެންޓް އޮފިސާ 2 އަލީ ހަމީދު ކަމަށާއި އެ ހާދިސާގައި ބިދޭސީއަކު ގެއްލިފައިވާތީ އެ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް 10:30 އެހާކަންހާއިރު ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާ ގުޅިގެން، އެއިން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެފަހުން އެމްއެންޑީއެފުން ބުނީ ކަނޑު މަގުންނާއި ވައިގެ މަގުން އެ އުޅަނދު ލޮކޭޓްކޮށް، އެއިން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.

"އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނުކަމުގެ މައުލޫމާތު ލިބގެން، އެ މީހުން ހޯދުމުގެ މަސަައްކަތް ކުރަމުން ދަނިކޮށް ވޮރެންޓް އޮފިސާ 2 އަލީ ހަމީދު ވަނީ ހޯދާފައެވެ. ވޮރެންޓް އޮފިސާ 2 އަލީ ހަމީދު ފެނިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުންވަނީ މައުލޫމާތުދީފައެވެ،" އެމްއެންޑީއެފުން ބުންޏެވެ.

އަދި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލީ ހަމީދު، މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލީ ހަމީދު މި ދުނިޔެއާއި ވަކިވެގެންދިޔުމަކީ އެ މަނިކުފާނަށް ފުން ހިތާމައެއް ކުރުވިކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ އަލީ ހަމީދު ވަނީ އެމްއެންޑީއެފްގައި 27 އަހަރު ހިދުމަތް ކުރައްވާފައި ކަމަށެވެ. އަލީ ހަމީދު މަރުވީވެސް ގައުމީ ހިދުމަތުގައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށްކަމަށް ރައީސް ވިދާޅުވިއެވެ.

"މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއާއި މުއައްސަސާއާއި އެކު މި ފުން ހިތާމައިގައި ބައިވެރިވެ، މަރުހޫމުގެ ފުރާފުޅަށް ހެޔޮ ރަހުމަތް ލެއްވުމަށާއި އާއިލާއަށް ކެތްތެރިކަން އިތުރުކޮށްދެއްވުން އެދި ދުއާ ކުރަމެވެ" ރައީސް ވިދާޅުވިއެވެ.

ޅ. އަތޮޅު ހޮސްޕިޓަލުން އިން "ވަން" އަށް ބުނީ ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.