ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާން އޭނާގެ މައްޗަށް އޮތް ސާބިތު ދަރަނީގެ ފައިސާ ދެއްކީ، އޭނާ އެ ފައިސާ ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައިނުވާތީ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު ކަމަށް ވަކީލުން ބުނެފިއެވެ.

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދާތީ އޭނާގެ މަޖިލިސް ގޮނޑި ގެއްލިއްޖެކަން ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. އެއީ ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައެކެވެ.

އެ ފައިސާ ދައްކަން މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ. މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ ފައިސާ ހަ މަސް ތެރޭ ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭ އަދަދަށްވުރެ މަދު ނޫން އަދަދެއް ދެއްކުމަށެވެ. އެ ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ގާލިބު ސަލީމެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި މޫސާ އަލީ ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުގެ އެ ހުކުމަކީ ސިނާންގެ ގައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމެއް ކުރިކަން އޭނާއަށް އެނގުނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީ ކުރި ހިސާބުން ކަމަށް މޫސާ އަލީ ވިދާޅުވިއެވެ.

މޫސާ އަލީ ވިދާޅުވީ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މެޖިސްޓްރޭޓަށް ކޯޓަށް ހުށަހަޅާފައިވަނީ 16 ޑިސެމްބަރު 2024 ގައި ކަމަށެވެ. އެކަން އެނގުމާއެކު އޭގެ ދެމަސް ފަހުން ސިނާން ވަނީ ފައިސާ ދައްކައި ހަލާސްކޮށްފައި ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ މައްސަލައެއް ކޯޓަށް ހުށަހަޅާ ދުވަހަކު އެ މައްސަލަ ރައްދުވާ ފަރާތަށް އެކަން ނޭނގޭނެ ކަމަށާއި އެކަން މައްސަލަ ރައްދުވާ ފަރާތަށް އެނގޭނީ މައްސަލަ ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކުރާ ދުވަހުން ކަމަށެވެ.

ހުކުމްތަންފީޒު ކުރުމުގެ މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފައިވަނިކޮށް ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ ފެބްރުއަރީގެ 13 ގައެވެ. ސިނާން ފައިސާ ދައްކައި ހަލާސްކޮށްފައި ވަނީ ވެސް އެ ދުވަހުގައެވެ. ސިނާން ފައިސާ ދައްކައި ހަލާސް ކުރުމުން މެޖިސްޓްރޭޓް ކޯޓުންވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދަން ނިންމައިފައެވެ.

މޫސާ އަލީ ވިދާޅުވީ ސިނާން އެ ފައިސާ ދައްކާފައިވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިކަން އެނގިގެން ނޫން ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިކަން ސިނާންއަށް ނޭނގޭ ކަމަށެވެ. އެއީ ފައިސާ ދެއްކި ދުވަހު، ސުޕްރީމް ކޯޓުން އެ މައްސަލަ ރަޖިސްޓްރީކޮށް ބަލައި ނުގަންނާތީ ކަމަށެވެ.

މޫސާ އަލީ ވިދާޅުވީ މެޖިސްޓްރޭޓް ކޯޓަށް ހުކުމްތަންފީޒު ކުރުމުގެ މައްސަލައެއް ސިނާންއާ ދެކޮޅަށް ހުށަހެޅިކަން އެނގުނީ އާންމުންގެ ތެރޭގައި އެ ވާހަކަ ދެކެވެން ފެށުމުން ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އާލިބް ސަލީމުގެ ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުން ސިނާންގެ މައްޗަށް ހުކުމްކުރީ ހަމަސް ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް ކަމަށެވެ. އެހާ ހިސާބުން އެއީ ސާބިތު ދަރަންޏެއް ކަމަށާއި އެ ދަރަނި ސިނާން ނުދައްކައި ހަމަސްވުމުން ހުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހުށަހެޅުމުން ދަލާލަތު ކޮށްދެނީ ސިނާން ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުން ކަމަށެވެ.

މެޖިސްޓްރޭޓް ކޯޓުގެ ހުކުމާ އެއްގޮތަށް ސިނާން ފައިސާ ދައްކަމުން ނުދިއުމަކީ ގާނޫނުއަސާސީގައި މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތެއް އުނިވާ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންވެ ސިނާންގެ މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައަޅައިދޭން އެދޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގާލިބް ސަލީމްގެ އެހެން ވަކީލެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމުގައިވަނީ ހަ މަސް ދުވަހުގެ ތެރޭގައި ޖުމުލަ އަދަދުން ކޮންމެ މަހަކަށް އެ މަހަކު ޖެހޭ އަދަދަށް ވުރެ މަދު ނުވާނެ ވަރެއް ދެއްކުމަށް ކަމަށެވެ. ސިނާން ހުކުމާ އެއްގޮތަށް ދަރަނި ދެއްކި ކަމަށް ވާނީ ކޮންމެ މަހެއް ވެސް ނިމިގެން އެ މަހު ދައްކަން ޖެހޭ އެންމެ ދަށް އަދަދު ދައްކަން ދިއުމުން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ނަމަވެސް ސިނާން އެގޮތަށް ފައިސާ ދައްކާފައިނުވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

"ހުކުމް ތަންފީޒުކުރަން މައްސަލަ ދިޔައީ ހުކުމާ އެއް ގޮތަށް ދަރަނި ނުދައްކާތީ. ފުރަތަމަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ. ދެވަނަ މަސް ނިމުމުން އެ މަހުގެ ޕޭމަންޓް އަންނަން ޖެހޭ،" އަލީ ހުސެއިން ވިދާޅުވިއެވެ.

މިކަން އެހެން ގޮތަކަށް މާނަކުރެވޭނެ ހަމައެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މި މައްސަލައިގައި ހުކުމްކުރުން ކަމަށެވެ.

މި މައްސަލައިގައި ބެންޗުގައި ފަނޑިޔާރު ޝުޖޫންގެ އިތުރުން ދެން ތިއްބަވަނީ ފަނޑިޔާރު ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.