ފީފާ ކްލަބު ވޯލްޑް ކަޕްގެ ގަދަ 16 އިން ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ޖާގަ ހޯދި އިރު، ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ކަޓުވާލުމަށްފަހު ބްރެޒިލްގެ ބޮޓަފޮގޯ އިން ވެސް ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
އާ ފޯމެޓެއްގައި އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕްގެ "ގްރޫޕު ބީ"ގެ ފަހު މެޗުތަކަށް ދިޔަ އިރު، ޕީއެސްޖީ އާއި ބޮޓަފޮގޯ އަދި އެތުލެޓިކޯއަށް ވެސް އެ މެޗުތައް އޮތީ މުހިންމުވެފައެވެ.
ޕީއެސްޖީން ކުޅުނު ފަހު މެޗުގައި ރޭ ނުކުތީ އެމެރިކާގެ ސިއާޓްލް ސައުންޑާސްއާ ދެކޮޅަށެވެ. އެ މެޗުން ޕީއެސްޖީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.
އެޓޭކިން ކުޅުމެއް ދައްކަމުންދިޔަ ޕީއެސްޖީގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ މެޗުގެ 35 ވަނަ މިނެޓުގައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ވިޓީނިއާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ޕީއެސްޖީގެ ކްވިޗާ ކްވަރަޝްކޭލިއާގެ ގައިގައި ޖެހިފައެވެ. އެހެންކަމުން އެ ގޯލަކީ ކްވަރަޝްކޭލިއާގެ ގޯލެއް ކަމަށް ވަނީ ބަލައިފައެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ބްރެޑްލީ ބާކޯލާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ޕީއެސްޖީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ.
އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި ބޮޓަފޮގޯ އަތުން 1-0 ގެ ނަތީޖާއަކުން އެތުލެޓިކޯ ވަނީ މޮޅުވެފައެވެ. އެ މެޗުން މޮޅުވި ނަމަވެސް، އެތުލެޓިކޯ އިން މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ބޮޑު ތަފާތަކުން ބޮޓަފޮގޯ ބަލިނުކުރެވުމުންނެވެ.
ބޮޓަފޮގޯ އިން ފުރުސަތުތަކެއް ތަނަވަސްކުރަމުން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަ އެ މެޗުގައި އެތުލެޓިކޯގެ ހަމައެކަނި ގޯލު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށެވެ. ހޫލިއަން އަލްވަރޭޒް ދިން ބޯޅައެއް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮޓަފޮގޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެތުލެޓިކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަންއެވެ.
އެ ނަތީޖާތަކާއެކު "ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތް ޕީއެސްޖީ އާއި ދެވަނައިގައި އޮތް ބޮޓަފޮގޯ އަދި ތިންވަނައިގައި އޮތް އެތުލެޓިކޯއަށް، ކުޅުނު ތިން މެޗުން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ޕީއެސްޖީ އާއި ބޮޓަފޮގޯ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގެ ފުލުގައި ނިންމާލި ސިއާޓްލް ސައުންޑާސްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް