ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ހޯދާނީ ބޮޑުކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ، އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރަން ސަލްޓަން ޕާކުގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
ދެ އަހަރަށްފަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެން ޕާޓީގެ މެންބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާލެ ފިޔަވައި އިގުތިސާދެއް ބިނާވެ، އާބާދީއެއް އަށަގަނެފައި އޮތް އެހެން ރަށެއް ނެތުމަކީ ބޮޑު ހިތާމައެއް ކަމަށެވެ. ދިވެހި ދައުލަތަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާލެ ތޮއްޖެހުން ކަމަށާއި ރާއްޖޭގެ ރަށްތައް ބިނާ ނުކޮށް ތަރައްގީއެއް ނުހޯދޭނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ލޯކަލް ކައުންސިލްގެ އިންތިހާބު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް، ބޮޑުކޮށް. ރައީސް މުއިއްޒު މިއަދު އަޅުގަނޑު ދެންނެވީމާ ހިސާބު ޖައްސަވާތި މަނިކުފާނަށް 20 ޕަސެންޓް، މި އިންތިހާބު، ކައުންސިލްގެ އިންތިހާބު، މާލޭ ސިޓީ ކައުންސިލަށް ވިޔަސް އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް ހުވަދު އަށް ވިޔަސް ފުވައްމުލައް ވިޔަސް އަދި ރާއްޖެ އިން އައްޑު އިން ކެލައަކަށް ނޫން، ތުރާކުނުން އައްޑު އަށް ކަމަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގާން ޖެހިއްޖެ،“ ރައީސް ނަޝީދު ވިދާޅުވި އެވެ.
”ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް އަޅުގަނޑުމެން ހޯދައިދޭން ޖެހިއްޖެ“
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ތަސައްވަރަކީ އެމްޑީޕީގައި ބިންވަޅު ނެގިފައިވާ ކަމެއް ކަމަށާއި އެއީ ސީދާ އެމްޑީޕީގެ ފަލްސަފާއެއް ކަމަށެވެ.
މުހައްމަދު ސިމާއު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު