މި އޭޝިއާގައި ބައްރުގައި ވެސް ރައްޔިތުންނަށް ހެވެއް އެދޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި ދިވެހި ރައްޔިތުން އާންމު ހާލަތަށް ގެންގޮސްދޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށް އެ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންނަށް މަރުހަބާ ދެންނެވުމަށް ސަލްޓަން ޕާކުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އާންމު ހާލަތު ހޯދަން ޖެހިއްޖެ ކަމަށާއި އެމްޑީޕީއަކީ ރައްޔިތުންނަށް އަބަދުވެސް ސަލާމަތް ހޯދައިދޭނެ ޕާޓީ ކަމަށެވެ. އަދި ބޮޑުވެފައިވާ ރާއްޖޭގެ ދަރަނި ދައްކާން އެނގޭ، އާންމު ހާލަތު ރަނގަޅުކުރުމަށް ދެން ކުރަންޖެހޭ ކަންތައްތައް ކުރަން އެނގޭ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ މި ޕާޓީއަކީ ހިސާބު ޖަހާ ޕާޓީއެއް، މި ޕާޓީއަކީ ރަނުން ރަނަށް މިންއަޅާ ޕާޓީއެއް، މި ޕާޓީއަކީ ދެން ވާންއުޅޭ ގޮތް ދެނެގަންނަ ޕާޓީއެއް، މި ޕާޓީއަކީ ތިބޭފުޅުންނަށް ހެޔޮލަފާ ގޮތް ފޯރުކޮށްދޭނެ ޕާޓީ. އެމްޑީޕީއަކީ ހަމައެކަނި ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް ނޫން، މި ނޫން ޕާޓީއެއް އޭޝިއާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް، ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައި ނުވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުންގެ އާންމު ހާލަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި ކަމަށާއި އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ދައްކާން ޖެހޭ ކަމަށެވެ. އަދި ދައުލަތުގައި އެ ފައިސާ ރައްކާކުރެވިފައި ހުރިތޯ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"އެންމެ ފަހުން އަޅުގަނޑު ބަލައިލި އިރުގައި، ދައުލަތުގެ ގްރޮސް ރިޒާވް ހުރީ 813 މިލިއަންގައޭ ބުނީ. އެއީ އިންޑިއާ ސަރުކާރުގެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހިމެނިގެން، އެހެންވީމާ ހަގީގަތުގައި ބޭންކުގައި އެއްޗެއް ނެތް. މި އަންނަ އަހަރަށް އަޅުގަނޑުމެން މި އަޅަނީ، އަޅާ އިރުގައި މި ދަރަނި އަދާކުރެވޭނެ ގޮތް އަޅުގަނޑުމެން ހޯދާން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ދަރަނިތައް ދައްކަންޖެހޭތީ ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ކޮންމެ ދުވަހަކު ފެންނަމުންދާ ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު