ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ހަ މީހެއްގެ މައްޗަށް ދައުވާނުކުރަން ނިންމައި ދޫކޮށްލައިފިއެވެ.

ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް ގުޅިގެން މިއަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

ކަނޑު ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނީޝިއާގެ ތިން މީހެކެވެ.

ތުހުމަަތުގައި ހައްޔަރުކުރި މީހުން:

  • ގަނެޝް ބޮންމާލީ 22، އިންޑިއާ
  • ޕީޓާ ވިނި 28، - އިންޑިއާ
  • ޕްރަބަކަރަނަ ނާގަރާޖަން 35، - އިންޑިއާ
  • އެޑްރިއަންސްޔާ 25، - އިންޑޮނީޝިއާ
  • މުހައްމަދު އިކްބަލް މަކްމުރު 30، - އިންޑޮނީޝިއާ
  • ޑަތްކިލޭ ދަރްޝަން ވިޖޭ 22، - އިންޑިއާ
  • ސަރަން ޕަދްމަން 26، - އިންޑިއާ
  • ނަސްވަން އަދިލް 30، - އިންޑޮނީޝިއާ
  • ރޯމަންސް ސަންތިޔާ ފެނާންޑޯ 58، - އިންޑިއާ
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް 30، - އިންޑިއާ

އޭގެ ތެރެއިން ހަ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުންވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އަމުރުކޮށްފައެވެ. އެ މީހުން ބަންދުން ދޫކޮށްލުމުން ދައުލަތުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި މިމަހުގެ 15 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.

ބަންދުން ދޫކޮށްލި މީހުން:

  • ޕްރަބާކަރަން ނަގަރާޖަން، 35 - އިންޑިއާ
  • ރޯމަންސް ސަންތިޔާ ފެނާންޑޯ، 58 - އިންޑިއާ
  • ގަނޭޝް ބޮމްމާލީ، 22 - އިންޑިއާ
  • ޕީޓާ ވިނީ، 28 - އިންޑިއާ
  • ސަރަން ޕަދުމަން، 28 - އިންޑިއާ
  • ގޯސިކް ރާޖު ޖޭމްސް ނޮކްސް، 30

އެ އިސްތިއުނާފުތައް ހައިކޯޓުން ބަލައިގެންފައިވަނިކޮށް ދައުލަތުން ވަނީ އިސްތިއުނާފީ މައްސަލަ އަނބުރާ ގެންދަން ހުށަހަޅައިފައެވެ.

އެހެންވެ ހައިކޯޓުން އިއްޔެ ވަނީ އެ މައްސަލައިގެ ދައުވާ ފޯމުތައް ބާތިލު ކަމަށް ކަނޑައަޅައިފައެވެ.

ހައިކޯޓުގެ އެ ދައުވާ ފޯމުތައް ބާތިލުކުރި ނިންމުމުގައި ބުނީ އިސްތިއުނާފު ރައްދުވި މީހުން ބަންދުކުރެވުނު މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅުމުން، އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގާރީނާ ލިބިފައިނުވާތީ އެ ފަރާތްތަކަށް ދައުވާނުކުރަން ނިންމައި ޕީޖީން، ހައިކޯޓަށް އަންގާފައިވާ ކަމަށެވެ.