ފީފާ ކްލަބު ވޯލްޑް ކަޕްގައި އިޓަލީގެ ޔުވެންޓަސް އާއި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އާ ފޯމެޓަކާއެކު އެމެރިކާގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕްގެ "ގްރޫޕު ޖީ"ގައި ޔުވެންޓަސް އިން ރޭ ނުކުތީ މޮރޮކޯގެ ވީދާދް އެތުލެޓިކް ކްލަބާ ދެކޮޅަށެވެ. އެ މެޗުން ޔުވެންޓަސް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ޔުވެންޓަސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކެފްރެން ތުރާމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ތުރުކީ ފޯވަޑް ކެނާން ޔިލްދީޒް ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ވީދާދްގެ ޑިފެންޑަރު އަބްދުލްމޫނައިމް ބޫޓޫލްގެ ފައިގައި ޖެހި ބައިކޮޅަށެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ހިތްގައިމު ގޯލަކާއެކު ލީޑު ފުޅާކޮށްފައެވެ. އަންދްރޭ ކެމްބިއާސޯ ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވަޑް ޔިލްދީޒްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޔިލްދީޒް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ވީދާދް ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ވީދާދް އިން ވަނީ ގޯލެއް ޖަހައި އުންމީދެއް އާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ނޯޑިން އަމްރަބަތު ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ވީދާދްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެކުނު އެފްރިކާ މިޑްފީލްޑަރު ތެމްބިންކޮސީ ލޯޗް އެވެ. އޭނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލީ ޔުވެންޓަސް ކީޕަރު މިޝެލް ޑި ގްރެގޯރިއޯގެ ބޯމަތިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ކުރީގައި އޮވެގެންނެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ޔިލްދީޒްގެ އިތުރު ގޯލަކާއެކު ޔުވެންޓަސް އިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ރެންޑަލް ކޯލޯ މުއާނީ ދިން ރީތި ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއިން ވީދާދްގެ ޑިފެންޑަރު ބޫޓޫލް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ.

ޔުވެންޓަސްގެ ހަތަރުވަނަ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޔުވެންޓަސްއަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ފޯވަޑް ޑޫސަން ލަހޮވިޗްއަށް ވީދާދްގެ ގިލާމޭ ފެރޭރާ ކުރި ފައުލަކާ ގުޅިގެންނެވެ. ވީދާދް ގޯލުގެ ތިރީ ކަނަކަށް ބޯޅަ އަމާޒުކޮށްލައިގެން ޔުވެންޓަސްއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސާބިއާ ފޯވަޑް ލަހޮވިޗްއެވެ.

އެ ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުގައި މެންޗެސްޓާ ސިޓީން ނުކުތީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަލް އައިންއާ ދެކޮޅަށެވެ. އެ މެޗުން ސިޓީ މޮޅުވީ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ އަށް މިނެޓުގެ ތެރޭގައި ސިޓީން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ލިބުނު ބޯޅައެއް، އަލް އައިންގެ ކީޕަރު ހާލިދު އީސާގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަންއެވެ.

22 ޖޫން 2025، ފީފާ ކްލަބު ވޯލްޑް ކަޕްގައި ސިޓީގެ ގޮންޑޮގަން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ/ ރޮއިޓާސް

ކައުންޓާ އެޓޭކުތަކުގައި ނުރައްކާކުރުމަށް އަލް އައިން އިން މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 27 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ހިލޭ ޖެހުމަކުން ސިޓީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ކްލައިޑިއޯ އިޗެވެރީ އެވެ. އެއީ އުމުރުން 19 އަހަރުގެ އިޗެވެރީ، ސިޓީގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

އެޓޭކިން ކުޅުމަކާއެކު ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ސިޓީގެ ތިންވަނަ ގޯލު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ވީއޭއާރްގެ އެހީގައި ރެފްރީ، އެ ޕެނަލްޓީ ދީފައިވަނީ ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ މެނުއެލް އަކާންޖީއަށް އަލް އައިންގެ ރަމީ ރާބިއާ ކުރި ފައުލަކާ ގުޅިގެންނެވެ. ސިޓީއަށް އެ ޕަނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ ނުރައްކާތެރި ފޯވަޑް އާލިން ހާލަންޑްއެވެ. އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސިޓީގެ ތިން ގޯލެއް ފެނިގެންދިޔައެވެ. މެޗުގެ 73 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ގުންޑޮގަންއެވެ. މެޗުގެ 84 ވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ގޯލު އޮސްކާ ބޮބް ކާމިޔާބުކޮށްދިން އިރު، މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެޓީމުގެ ހަ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަޔަން ޗާކީ އެވެ.

"ގްރޫޕު ޖީ"ގައި ކޮންމެ ޓީމަކަށް ބާކީ އަދި އެއް މެޗު އޮތް ނަމަވެސް، މިހާތަނަށް ކުޅުނު ދެ މެޗު ވެސް ޔުވެންޓަސް އާއި ސިޓީން ކާމިޔާބުކޮށްފައިވުމުން އެ ގްރޫޕުގެ ގަދަ 16 ގެ ޖާގަތައް އެ ދެ ޓީމަށް ވަނީ ކަށަވަރުވެފައެވެ. އެއްވަނައިގައި އޮތް ޔުވެންޓަސް އާއި ސިޓީން، ކޮންމެ ޓީމަކުން ވެސް ވަނީ ހަ ޕޮއިންޓު ހޯދައިފައެވެ. އެ ގްރޫޕުގެ ތިންވަނައިގައި އޮތް ވީދާދް އާއި ފުލުގައި އަލް އައިނަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ދެ ޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ.

އެ ގްރޫޕުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ 12:00 ގައެވެ. އެ މެޗުތަކުގައި ޔުވެންޓަސް އިން ސިޓީއާ ދެކޮޅަށް ނުކުންނަ އިރު، ވީދާދް އިން ނުކުންނާނީ އަލް އައިންއާ ދެކޮޅަށެވެ.