ބަޔާން ލެވަކޫސަންއަށް ކުޅެމުންދިޔަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްސް، އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށް ސޮއިކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ވާޓްސްގެ ސޮއި ލިވަޕޫލުން ހޯދާފައިވަނީ 116 މިލިއަން ޕައުންޑް (156 މިލިއަން ޑޮލަރު)ގެ އަގަކަށެވެ. އޭނާ ސޮއިކުރިކަން ލިވަޕޫލުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ލިވަޕޫލަށް ވާޓްސް ސޮއިކޮށްފައިވާ އިރު، އޭނާ ލެވަކޫސަން ދޫކޮށް ދާން އުޅޭކަމުގެ ވާހަކަތައް ފެތުރޭތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ހޯދަން އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އަދި ޖަރުމަންގެ ބަޔާން މިއުނިކުން ވެސް މަސައްކަތްކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލެވަކޫސަނުން ލިވަޕޫލާއެކު އެއްބަސްވި ޓްރާންސްފާ އަގަކީ 100 މިލިއަން ޕައުންޑެވެ. އޭގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި 16 މިލިއަން ޕައުންޑް ދައްކަން ލިވަޕޫލުން ވަނީ އެއްބަސްވެފައެވެ. އެއީ އިނގިރޭސި ރެކޯޑު އަގެކެވެ.
މީގެ ކުރިން އިނގިރޭސި ކްލަބަކަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އެންޒޯ ފެނާންޑޭޒްއެވެ. ޗެލްސީން 2023 ވަނަ އަހަރު އެންޒޯ ގެންދިޔައީ 107 މިލިއަން ޕައުންޑުގެ އަގަކަށެވެ. އޭގެ އިތުރުން ޗެލްސީން 100 މިލިއަން ޕައުންޑަށް މޮއިސެސް ކައިސޭޑޯވެސް އެ އަހަރު ގެންދިޔަ އިރު، އެއްބަސްވުމުގެ ބޭރުން ދެއްކި ފައިސާއާއެކު އޭނާގެ އަގު 115 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ.
ލިވަޕޫލަށް ސޮއިކުރުމަށްފަހު އެ ކްލަބުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވާޓްސް ބުނީ ލިވަޕޫލާއެކު އެއްބަސްވުމަކަށް އާދެވުމުން ވަރަށް އުފާކުރާ ކަމަށާއި އެއީ އެތައް ދުވަހެއް ވަންދެން އޭނާ ކުރަމުން އައި އުންމީދެއް ކަމަށެވެ.
"މިއީ އަހަރެންނަށް އާ ޗެލެންޖަކަށް ވާނެ. ބުންޑަސްލީގާ ދޫކޮށްލުމަށްފަހު އަހަރެން މި ގުޅެނީ ޕްރިމިއާ ލީގަށް. އަހަރެން އުންމީދުކުރަނީ މި ކްލަބުގައި އަހަރެންނަށް ރަނގަޅު ކުޅުމެއް ދެއްކާނެ ކަމަށް. އެކަމަށް އަހަރެން މަސައްކަތްކުރާނަން،" އޭނާ ބުންޏެވެ.
ވާޓްސް ބުނީ ލިވަޕޫލަށް ކުޅެ، ކޮންމެ އަހަރަކު ވެސް ހުރިހާ ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން މަޖުބޫރު ކަމަށެވެ. އަދި ލިވަޕޫލާއެކު އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ވާޓްސް އުމުރުން 17 އަހަރުން ފެށިގެން ލެވަކޫސަންއަށް ކުޅެމުންދިޔަ އިރު، އެ ކްލަބަށް ކުޅުނު 197 މެޗުގައި އޭނާ ވަނީ 57 ގޯލު ޖަހައިފައެވެ. ލެވަކޫސަނުން ފުރަތަމަ ފަހަރަށް ހޯދި ޖަރުމަނު ލީގު ތަށީގައިވެސް ވާޓްސްގެ ހިއްސާ ބޮޑެވެ.
ވާޓްސް، 2021 ވަނަ އަހަރުން ފެށިގެން ޖަރުމަނު ޓީމަށް ކުޅެމުންދާ އިރު، އޭނާ ވަނީ ގައުމީ ޓީމަށް 31 ގޯލު ޖަހައިދީފައެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް