ކްލަބު ވޯލްޑް ކަޕްގައި ބްރެޒިލްގެ ފްލެމިންގޯ އިން އިނގިރޭސި ވަރުގަދަ ކްލަބު ޗެލްސީ ބަލިކޮށް ހައިރާންކަމެއް ގެނުވި އިރު، އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަތުން ޖަރުމަންގެ ކާމިޔާބު ކްލަބު ބަޔާން މިއުނިކުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
އާ ފޯމެޓެއްގައި އެމެރިކާގައި ބާއްވާ ކްލަބު ވޯލްޑް ކަޕްގައި ރޭ ކުޅުނު "ގްރޫޕު ޑީ"ގެ މެޗުގައި ޗެލްސީގެ މައްޗަށް ފްލެމިންގޯ އިން ކުރި ހޯދީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
އެ މެޗު ޗެލްސީން ވަރުގަދަ ކުޅުމަކާއެކު ފަށައި ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި ކައުންޓާ އެޓޭކެއްގައި އިނގިރޭސި ފޯވަޑް ލިއަމް ޑެލަޕް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑެލަޕް ފޮނުވާލި ހަމަލާ، ފްލެމިންގޯގެ ކީޕަރު އޮގަސްޓިން ރޮސީ ވަނީ މަތަކޮށްފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ފްލެމިންގޯގެ ޑިފެންސަށް ހެދުނު ގޯހަކުން ލިބުނު ބޯޅައެއް ހިފައިގެން، ވަރަށް ހުސްކޮށްގެން ހުރެ ޕެނަލްޓީ އެރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ޗެލްސީއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް ފޯވަޑް ޕެޑްރޯ ނެޓޯއެވެ.
ފްލެމިންގޯ އިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެޓީމަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފްލެމިންގޯ އިން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. އެގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ފްލެމިންގޯގެ އިކުއެޑޯ ފޯވަޑް ގޮންޒާލޯ ޕްލެޓާ ފޮނުވާލި ހަމަލާ ދިޔައީ ޗެލްސީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ މިނެޓެއް ފަހުން ފްލެމިންގޯ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޕްލެޓޯ ބޮލުން ޖައްސާލި ބޯޅައަކުން، ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްލެމިންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ބްރޫނޯ ހެންރީކް އެވެ.
މާގިނައިރުތަކެއް ނުވެ، މެޗުގެ 65 ވަނަ މިނެޓުގައި ފްލެމިންގޯ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކޯނަރެއްގެ ތެރެއިން ހެންރިކް ބޮލުން ޖައްސާލި ބޯޅައަކުން، ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ފްލެމިންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ، މީގެ ކުރިން ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީގައި ކާމިޔާބުތަކެއް ހޯދި ތަޖުރިބާކާރު ޑިފެންޑަރު ޑެނީލޯއެވެ.
ޗެލްސީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 68 ވަނަ މިނެޓުގައި އެޓީމުގެ ސެނަގާލް ފޯވަޑް ނިކޮލަސް ޖެކްސަންއަށް ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ފްލެމިންގޯގެ އޭރްޓަންއަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެންނެވެ. ޖެކްސަންއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތްތާ ހަތަރު މިނެޓުގެ ތެރޭގައެވެ.
ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޗެލްސީ ކޮޅަށް އިތުރު ގޯލެއް ޖަހައި ފްލެމިންގޯ އިން ލީޑު ފުޅާކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. ޕްލެޓާ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްލެމިންގޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވަޑް ވޮލެސް ޔޭންއެވެ.
އެ ނަތީޖާއާއެކު ފްލެމިންގޯ އިން ވަނީ ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު "ގްރޫޕު ޑީ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ޓިއުނީޝިއާގެ އީއެސް ތޫނިސް، އެއިން ކޮންމެ ޓީމަކަށް ވެސް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެމެރިކާގެ އެލްއޭ އެފްސީއަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
"ގްރޫޕު ސީ" ގައި ބަޔާން މިއުނިކުން ކުޅުނު މެޗުގައި ބޮކާ ޖޫނިއާސް އިން ވަނީ އުނދަގޫތަކެއް ކުރިމަތިކުރުވައިފައެވެ. އެ މެޗުން ބަޔާން މޮޅުވީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ.
އެ މެޗުގެ ނުވަ މިނެޓުގައި ސީދާ ކޯނަރަކުން މައިކަލް އޮލިސޭ، ބޮކާ ޖޫނިއާސްގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ރެފްރީ ނިންމީ ގޯލުގެ ތެރެއަށް ބޯޅަ ވަނުމުގެ ކުރިން ބޮކާ ޖޫނިއާސްގެ ކީޕަރު އޮގަސްޓިން މާޗެސިންއަށް ބަޔާންގެ ސާޖް ނަބްރީ ފައުލް ކޮށްފައިވާ ކަމަށެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބޮކާ ޖޫނިއާސްގެ ޑިފެންސަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުން، އޭގެ ފައިދާ ނަގައި ބަޔާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ތަރި ހެރީ ކޭންއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކޭންގެ ހަމަލާ އަމާޒުކޮށްލާފައިވަނީ ބޮކާ ޖޫނިއާސް ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ބޮކާ ޖޫނިއާސް އިން ވަނީ ނަތީޖާ ހަމަހަމަކޮށް، ބަޔާން ޕްރެޝަރަށް ވައްޓާލައިފައެވެ. ކައުންޓާ އެޓޭކެއްގައި އެލަން ވެލަސްކޯ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ބޮކާ ޖޫނިއާސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މިގެލް މެރެންޓިއެލްއެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ބަޔާނަށް އަލުން ލީޑު ހޯދައިދީ، ލަދަކުން ސަލާމަތްކޮށްދިނީ މައިކަލް އޮލީސޭއެވެ. އޭނާ ވަނީ ކޭން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ހަމަޖެހިލާފައި ބޮކާ ޖޫނިއާސް ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިފައެވެ.
ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު ބަޔާން އޮތީ "ގްރޫޕު ސީ"ގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޕޯޗުގަލްގެ ބެންފީކާއަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ބޮކާ ޖޫނިއާ ތިންވަނައިގައި އޮތީ އެއް ޕޮއިންޓާއެކުއެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ނިއުޒިލެންޑްގެ އޯކްލަންޑް ސިޓީއަށް މިހާތަނަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް