މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާތީ އެކަމުގެ އަގު ކަމަށްވާ 1.6 މިލިއަން ޑޮލަރު އެމްޓީސީސީއަށް ދިނުމަށް، ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީސީ)ގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެ ކުންފުންޏާއި އެމްޓީސީސީއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުން އެމްޓީސީސީން ވަނީ ރަސްމާލެ ނުވަތަ ފުށިދިއްގަޅުފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިފައެވެ. ސީއެމްސީސީސީން، އެކަމުގެ އެއްބަސްވުމެއް އެމްޓީސީސީއާއެކު ހަދާފައިވަނީ 1.683،901.44 ރުފިޔާގެ އަގަކަށެވެ.

އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނިންމި ނަމަވެސް ސީއެމްސީސީން އެ ފައިސާ ދީފައިނުވާތީ އެމްޓީސީސީން ވަނީ އެ ފައިސާ އެކީ އެއް ފަހަރާ ސީއެމްސީސީސީގެ ކިބައިން ނަގައިދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދިފައެވެ.

އެ ދައުވާއާ ގުޅިގެން ސީއެމްސީސީސީގެ ފަރާތުން ބުނީ ރަސްމާލެ ހިއްކުމުގެ އެއްބަސްވުމެއް އެމްޓީސީސީއެކު ހަދައިފައިވާނެ ކަމަށާއި އެމްޓީސީސީއަށް ފައިސާ ދައްކަންޖެހޭ ކަމާމެދުވެސް އިންކާރުނުކުރާ ކަމަށެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އަގަކީ ދެ ފަރާތުން އެއްބަސްވެފައިވާ އަގު ކަމަށާއި ނަމަވެސް އެއްބަސްވުމުގެ ދަށުން ފައިސާ ދައްކަންޖެހޭ ތާރީހެއް ކަނޑައަޅައިފައިނުވާ ކަމަށް ސީއެމްސީސީސީން ބުންޏެވެ. އެހެންވެ އެެއްބަސްވުމާ ހިލާފުވެފައިވާކަމަށް ނުދެކޭކަމަށް ސީއެމްސީސިސީން ބުންޏެވެ.

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ލިބެންޖެހޭ ފައިސާ ލިބުމުން އެމްޓީސީސީއަށް ފައިސާ ދައްކާނެކަމަށް ސީއެމްސީސީސީން ބުންޏެވެ. އެހެންވެ އެ ފައިސާ ދެއްކުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް ސީއެމްސީސީސީން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ރިޒްމީނާ އިދްރީސްގެ ރައުޔުގައި ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ ތާރީހަކީ 25 ޑިސެމްބަރު 2023 ކަމަށެވެ. ގާޒީ ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފުރިހަމަކޮށް ނިންމުމަމަށްފަހު ދައުވާ ލިބޭ ފަރާތުން އެކަން އެންގުމަށްފަހު، 03 ޖެނުއަރީ 2024 ގައި މަސައްކަތުގެ އަގު ހޯދުމަށް އެދި އެމްޓީސީސީން ބިލު ކޮށްފައިވާ އިރު، މަސައްކަތުގެ އަގު ދައްކަންޖެހެނީ މަސައްކަތްކޮށް ނިމުމާއެކު ކަމަށް ޕޭމަންޓް ޓާމްސްގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އެއްބަސްވުމާ އެއްގޮތަށް ދައުވާލިބޭ ފަރާތުން ފައިސާ ދައްކާފައިނުވާތީ، ދައުވާލިބޭ ފަރާތުން އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ގާނޫނޫ ހަމަތަކުގެ މަތިން ބަލަންޖެހެއެވެ..،" ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ސީއެމްސީސީސީން ފައިސާ ދައްކާފައިނުވާތީ، އެމްޓީސީސީން ފޮނުވި ސިޓީއާ ގުޅިގެންވެސް ސީއެމްސީސީސީން ޕޭމަންޓް ޕްލޭން ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ އެމްޓީސީސީން ވަނީ ފައިސާ ދެއްކުމަށް އެންމެ ފަހު ފުރުސަތުދީ، ފައިސާ ނުދައްކައިފިނަމަ، މައްސަލަ ޝަރީއަތަށް ހުށަހަޅާނެކަން ސީއެމްސީސީސީއަށް އަންގައިފައި ކަމަށެވެ.

އެމްޓީސީސީން ޝަރީއަތަށް މައްސަލަ ހުށަހަޅާނެކަން އެންގުމުންވެސް ސީއެމްސީސީސީން ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައިވާކަން އެނގެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.

ހައިކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ ގާޒީ ވިދާޅުވީ "ހައްގުގެ ވެރިފަރާތުން އެ ހައްގާމެދު ލުޔެއް ނުދޭހާ ހިނދަކު ޝަރުއީ އަދި ގާނޫނީ އުސޫލުތައް ނިޔާކުރަނީ އެ ހައްގުގެ ވެރިފަރާތަށް ހައްގު ލިބިދެވެން އޮތް އެންމެ އަވަސް މިނެއްގައި ލިބިދިނުމަށްކަމަށް ބަޔާންކޮށްފައިވާތީ، ދައުވާކުރާ ފަރާތުން އެދިފައިވާ މުއްދަތު ފިޔަވައި އިތުރު މުއްދަތެއް ޝަރީއަތުން ދިނުމަކީ އަދުލުވެރިގޮތެއްކަމަށް ނުވާނެ" ކަމަށެވެ.

އެހެންވެ ގާޒީ މި މައްސަލައިގައި ކުރި ހުކުމުގައި ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ދައުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުން ދައުވާކުރާ ފަރާތުން ގަބޫލުނުކުރާނަމަ، ދައުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވި އަދަދު، ކޯޓުން ކަނޑައަޅާ ތާރީހެއްގެ ކުރިން އަދި ކޯޓުން ކަނޑައަޅާ ރޭޓެއްގައި ދެއްކުމަށް ހުކުމް ކުރަންވާނެ ކަމަށެވެ.

ހުކުމުގައި ގާޒީ ވިދާޅުވީ ޝަރީއަތަށް ސާބިތުވާން އޮންނަ ޖުމްލަ ފައިސާގެ އަދަދު ދައްކަންޖެހޭ ގޮތާއި، އެ ފައިސާ ދައްކައި ހަލާސްކުރާނެ މިންގަނޑު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިދީފައިވާ ބާރެއް ކަމަށެވެ. ފައިސާ ހޯދުމަށްޓަކައި ދައުވާކުރާ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ދިގު މުއްދަތަކަށް ކޮށްފައިވާކަމަށް ގާޒީ ހުކުމުގައި ވިދާޅުވިއެވެ. ނަމަވެސް ދައުވާ ރައްދުވާ ފަރާތުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ކަމަށެވެ.

އެެހެންވެ ސީއެމްސީސީސީން ވަނީ އެއްބަސްވުމާ ހިލާފުވެފައިކަން ހުކުމުގައި ފާހަގަކުރައްވައި ގާޒީ ވިދާޅުވީ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި 1.6 މިލިއަން ޑޮލަރު، ސިވިލް ކޯޓަށް ދައްކައި، ހަލާސްކުރުމަށް ސީއެމްސީސީސީގެ މައްޗަށް ހުކުމްކުރާ ކަމަށެވެ.