އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގައި، ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބު، ރެއާލް މެޑްރިޑުން ރޭ ސައުދީ އަރަބިއާގެ އަލް ހިލާލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވި އިރު، އެ ނަތީޖާއަކީ ހައިރާން ކަމެއް ނޫން ކަމަށް ރެއާލްގެ ކޯޗު ޒަބީ އެލޯންސޯ ބުނެފިއެވެ.

މިއާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެފައިވާ އިރު، ރޭގެ މެޗަކީ ރެއާލް ކޯޗުކަމުގައި ޒަބީ އެލޯންސޯއަށް ފުރަތަމަ ވާދަވެރި މެޗެވެ.

މީގެ ކުރިން ބަޔާން ލެވަކޫސަންއާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެލޯންސޯ ރެއާލާ ހަވާލުވީ ކްލަބު ވޯލްޑް ކަޕާ ދިމާކޮށެވެ.

"މެޗުން އަހަރެމެން ފަސޭހަކޮށް މޮޅުވާނެ ކަމަށް ހީކޮށްފައި އޮތް ނަމަ، އެއީ ގޯހެއް. އަހަރެމެންނަށް އެނގޭ މެޗަށް ނުކުތްއިރުވެސް މިއީ ފަސޭހަވާނެ މެޗެއް ނޫންކަން. އަހަރެމެންނަށް މައްސަލަ ދިމާވީ ފުރަތަމަ ހާފުގައި. އެއީ މާ އަވަސްކޮށް ކުޅެން ހަދައިގެން ބޯޅަ ގެއްލުން ކަހަލަ މައްސަލަތަކެއް. ދެވަނަ ހާފަށް އެކަން ރަނގަޅުކޮށް، ރަނގަޅު އެޓޭކްތަކެއް އުފެއްދުނު. ނަތީޖާ ނެރުމަށް ގޯލެއް ނުޖެހުނީ،" އެލޯންސޯ މެޗަށްފަހު ބުންޏެވެ.

ރޭގެ މެޗުގައި ރެއާލަށް އަލަށް ގެންދިޔަ ޑެއާން ހުއިސެންއާއި ޓްރެންޓް އެލެކްސެންޑްރާ-އާނޯލްޑް ފަށާފައިވާ އިރު، ހުން އައުމުން ބަލިވެ އުޅޭތީ ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެއެވެ.

އެލޯންސޯ ބުނީ އެމްބާޕޭ ދެވަނަ މެޗަށްވެސް ފިޓް ވެދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

އޭގެ އިތުރުން ވާހަކަ ދައްކަމުން އެލޯންސޯ ބުނީ ހިލާލުން ނެރުނު ނަތީޖާއާމެދު ހައިރާން ނުވާ ކަމަށެވެ.

"އަލް ހިލާލުގެ ލެވެލްއާއެކު ހައިރާނެއް ނުވޭ. ހާއްސަކޮށް އެޓީމުންވެސް ނުކުތީ އެންމެ މަތީ ފަންތީގެ އާ ކޯޗަކާއެކު. އަހަރެމެން ހިތަށް އެރި އިންޒާގީއަށް ތިން ސެންޓަ ބެކުން ލައިގެން ކުޅެވިދާނެތޯއޭ. އެއީ އިންޓަގައި އޭނާ ބޭނުންކުރި ސްޓައިލް. އެކަމަކު އިންޒާގީ ދިޔުމުގެ ކުރިން ހިލާލުން އެހެން ނުކުޅޭ. އެހެންވީމަ ކޯޗުގެ ތަފާތު ފެނުނު،" އެލޯންސޯ ބުންޏެވެ.