އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި މިރޭ ޗެލްސީން ލޮސް އެންޖެލެސް ފުޓްބޯލް ކްލަބު (އެލްއޭއެފްސީ) ބަލިކޮށްފިއެވެ.
މިރޭގެ މެޗަކީ ޗެލްސީއާއި އެލްއޭއެފްސީންވެސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. އެމެރިކާގެ އެޓަލާންޓާގެ މާސެޑޭޒް ބެންޒް ސްޓޭޑިއަމްގައި ޗެލްސީން އެލްއޭއެފްސީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ނަތީޖާއަށްވުރެ ބޮޑު ފޯކަސްއެއް މިރޭ އަމާޒުވީ ސްޓޭޑިަމްގައި އޮތް ހުސް ގޮނޑިތަކަށެވެ. 71،000 މީހުންގެ ޖާގައިގެ މާސޭޑޭޒް ބެންޒް ސްޓޭޑިއަމަށް މެޗު ބަލަން ވަނީ 22،137 މީހުން އެކަންޏެވެ. ބާކީ 50،000 ގޮނޑި ހުސްކޮށް ފެނިގެން ގޮސްފައިވާ އިރު، ޓިކެޓް ވިއްކުމުގައި ފީފާ ބޮޑުތަނުން ފެއިލްވި ކަމަށް ބައެއް ނޫސްތަކުން މިހާރުވެސް ދަނީ ބުނަމުންނެވެ.
މެޗުގެ އެންމެ އަގުހެޔޮ ޓިކެޓް، 37 ޕައުންޑަށް ލިބެން ހުރި އިރު، އެލްއޭއެފްސީގެ ހޯމް، ލޮސް އެންޖެލެސްއާ މިރޭ ކުޅުނު ސްޓޭޑިއަމާ ހުރި ދުރުމިނަކީ 2،000 މޭލެވެ. އެލްއޭއެފްސީ ސަޕޯޓަރުންގެ 150 އެއްހާ އަލްޓްރާ ސަޕޯޓަރުން ދަނޑުގައި އަޑު ހިއްޕާލި ނަމަވެސް، ޗެލްސީ ސަޕޯޓަރުން ފެނުނީ ތަންކޮޅެއް ގިނަކޮށެވެ.
މެޗުގައި ޗެލްސީގެ ފަރާތުން ބޮޑަށް ފެނުނީ ވަނދު ކުޅުމެކެވެ. ކުރީކޮޅުގައިވެސް ރަނގަޅަށް އެޓޭކެއް އުފައްދަން ޗެލްސީއަށް ދަތިތަކާ ކުރިމަތިވި އިރު، ނޮނީ މަޑުއޭކޭއަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ މަތަކުރީ ފްރާންސް ގައުމީ ޓީމަށް ކުރިން ކުޅެ، ވޯލްޑް ކަޕް ހޯދައި، ޓޮޓެންހަމްއަށް ގިނަ މެޗުތަކެއް ކުޅުމަށްފަހު މިހާރު އެލްއޭއެފްސީއަށް ކުޅެމުންދާ ހޫގޯ ލޮރިސްއެވެ.
އުނދަގޫ ހާލަތެއްގައި އޮވެ ހާފު ނިމެން ދަނިކޮށް، ޕެޑްރޯ ނެޓޯގެ މޮޅު ހުނަރާއެކު ޗެލްސީން ފުރަތަމަ ގޯލެއް ޖެހި އިރު، ދެވަނަ ހާފުގައި އެލްއޭއެފްސީން ނަތީޖާ ހަމަހަމަ ނުކުރީ ކިރިޔާއެވެ.
ޑެނިސް ބޮއުންގާއާއި ޑާވިޑް މާޓިނޭޒަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރުވި އިރު، ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް ވަނީ މުހިއްމު ދެ ސޭވްްއެއްވެސް ކޮށްފައެވެ.
މެޗުގެ ފަހުކޮޅުގައި ޗެލްސީއަށް ދެވަނަ ގޯލު ޖަހައިދިނީ ބަދަލަކަށް ނުކުތް އެންޒޯ ފެނާންޑޭޒްއެވެ. އޭނާއަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިއަމް ޑެލަޕެވެ.
މިރޭގެ މެޗަކީ ޑެލަޕް ޗެލްސީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ޗެލްސީން ކްލަބު ވޯލްޑް ކަޕުގެ ކުރިން ޑެލަޕް ގެންދިޔައީ އިޕްސްވިޗް ޓައުންއިންނެވެ. އެއީ 30 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް