ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީން ކްލަބު ވޯލްޑް ކަޕް ފެށުމަށް މިރޭ ކުޅުނު މެޗުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފިއެވެ.
އެމެރިކާގެ ޕެސަޑީނާގެ ރޯސް ބޯލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕީއެސްޖީން އެތުލެޓިކޯ ކައިރިން ކުރި ހޯދީ، 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ހޫނު ގަދަކޮށް ފެނިގެންދިޔަ މެޗުގެ ބޮޑު ބައެއްގައި ޕީއެސްޖީން މެޗު ޑޮމިނޭޓް ކުރަމުން ގޮސްފައިވާ އިރު، ރެފްރީ ވަނީ ކޫލިން ބްރޭކްވެސް ދީފައެވެ.
ގްރޫޕް ބީގައި ޕީއެސްޖީގެ އިތުުރުން ދެން ހިމެނެނީ ބޮޓަފޯގޯއާއި ސިއޭޓަލް ސައުންޑާސް އެފްސީއެވެ. އެހެންކަމުން މިރޭގެ ނަތީޖާއާއެކު ޕީއެސްޖީން ގްރޫޕް އެއްވަނަ ޔަގީންކުރުމަށް ވަނީ ފުރުސަތު ބޮޑުކޮށްފައެވެ.
ފުރަތަމަ 15 މިނެޓުގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ގެންގުޅުނީ ޕީއެސްޖީންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރީކޮޅުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އަރިމަތިން ކަވީޗާ ކަވަރަޓްޝޭލިއާ ނަގައިދިން ހުރަސް ގޯލަށް ވައްދާލީ ސްޕެއިންގެ ފަބިއަން ރުއީޒްއެވެ.
އޭގެފަހުންވެސް ޕީއެސްޖީގެ އެޓޭކުން ދިޔައީ ޖާދޫ ދައްކަމުންނެވެ. އަވަސް ހަލުވި ކުޅުމެއްގައި ކުޅެމުންދިޔަ ޕީއެސްޖީގެ ޕޯޗުގަލް ފޯވަޑް، ގޮންކާލޯ ރާމޯސްއަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވި އިރު، ހާފު ނިމެން ދަނިކޮށް އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވިޓީނިއާއެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ކަވަރަޓްޝޭލިއާ ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވި އިރު، އަނެއްކޮޅުން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލިއެވެ. އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމީ، އެ ފުރުސަތު ތަނަވަސްކުރުމުގައި ކޯކޭ، ޑެސައިރޭ ޑޫއޯއަށް ފައުލް ކޮށްފައިވާތީއެވެ.
މެޗުގެ 78 ވަނަ މިނެޓުގައި އެތުލެޓިކޯގެ ކްލެމެންޓް ލެންގްލޭއަށް ދެއްކި ރަތް ކާޑާއެކު ޕީއެސްޖީއަށް މެޗު އިތުރަށް ފަސޭހަވިއެވެ. ސެނީ މަޔޫލޫގެ ގޯލުން ހަމަޖެހިލި އިރު، އެޓީމުގެ ފަހު ގޯލަކީ އިތުުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ޕީއެސްޖީގެ އިބްރާހީމް އެމްބާޔޭ ފޮނުވާލި ހަމަލާ ދަނޑީގައި ޖެހުނު އިރު، އެ ހަމަލާގެ ތެރެއިން އެތުލެޓިކޯގެ ޑިފެންޑަރު ރޮބިން ލެ ނޯމަންޑް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރީ ލީ ކެންގް-އިން އެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް