ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޖަޕާން ފަތުރުވެރިޔާ މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

ސައްބީސް އަހަރުގެ އެ ފަތުރުވެރިޔާއަކީ ކ. މާފުށި ގެސްޓްހައުސްއަކުން މިއަދު ހެނދުނު އެ ރަށް ކައިރީގައި އޮންނަ ކަނޑޫމާތިލަ ކައިރިއަށް ޑައިވިން އަށް ފޭބި މީހެކެވެ.

އެ ފަތުރުވެރިޔާ ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 10:02 އެހާކަންހާއިރެވެ. އެ މައުލޫމާތު ލިބުމާއެކު އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދިޔައީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މިއަދު ހަވީރު 5:17 އެހާކަންހާއިރު އެ ފަތުރުވެރިޔާ ކަނޑުން ނަގައިފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.