ބަޔާން ލެވަކޫސަންއަށް ކުޅެމުން އަންނަ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ފްލޯރިއަން ވާޓްސް ގެންދަން ލިވަޕޫލުން، 116 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެއްޖެއެވެ.

ޖަރުމަނުގެ ޕެލޭމޭކަރު ވާޓްސްއަކީ ގިނަ ޓީމުތަކަކުން ފާރަލުން ދިޔަ ކުޅުންތެެރިއެކެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ އިތުރުން ލިވަޕޫލާއި ބަޔާން މިއުނިކުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ލިވަޕޫލުން ވަނީ އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ގެންދަން އެއްބަސްވުމަކަށް އައިސްފައެވެ.

ލެވަކޫސަންއިން ލިވަޕޫލާއެކު އެއްބަސްވި ޓްރާންސްފާ އަގަކީ 100 މިލިއަން ޕައުންޑެވެ. އޭގެ އިތުރުން ބޯނަސް ފައިސާގެ ގޮތުގައި 16 މިލިއަން ޕައުންޑް ދައްކަން ލިވަޕޫލުން ވަނީ އެއްބަސްވެފައެވެ.

އެ އަގުގައި ލިވަޕޫލުން ވާޓްސް ގެންގޮސްފި ކަމަށްވާނަމަ، އެ ޓްރާންސްފާ ވެގެންދާނީ އިނގިރޭސި ރެކޯޑު އަގަކަށެވެ.

މީގެ ކުރިން އިނގިރޭސި ކްލަބަކަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އެންޒޯ ފެނާންޑޭޒްއެވެ. ޗެލްސީން 2023 ވަނަ އަހަރު އެންޒޯ ގެންދިޔައީ 107 މިލިއަން ޕައުންޑެވެ. އޭގެ އިތުރުން ޗެލްސީން 100 މިލިއަން ޕައުންޑަށް މޮއިސެސް ކައިސޭޑޯވެސް އެ އަހަރު ގެންދިޔަ އިރު، އޭނާގެ އަގު އެއްބަސްވުމުގެ ބޭރުން ދެއްކި ފައިސާއާއެކު 115 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ.

ވާޓްސް އުމުރުން 17 އަހަރުން ފެށިގެން ލެވަކޫސަންއަށް ކުޅެމުންދާ އިރު، އެ ކްލަބަށް ކުޅުނު 197 މެޗުގައި އޭނާ ވަނީ 57 ގޯލު ޖަހައިފައެވެ. ލެވަކޫސަންއިން ފުރަތަމަ ފަހަރަށް ހޯދި ޖަރުމަނު ލީގު ތަށީގައިވެސް ވާޓްސްގެ ހިއްސާ ބޮޑެވެ.

ވާޓްސް، 2021 ވަނަ އަހަރުން ފެށިގެން ޖަރުމަނު ޓީމަށް ކުޅެމުންދާ އިރު، އޭނާ ވަނީ ގައުމީ ޓީމަށް 31 ގޯލު ޖަހައިދީފައެވެ.