ތަފާތު އެކި މައްސަލަތަކުގައި މީގެ ކުރިން 50 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ ހ. ރެދަން / މާލެ، ފަވާޒު ކަޅުތުއްތު (36އ) ގެ މައްޗަށް ދައުވާކޮށްދިމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.

ފުލުހުން ބުނީ އޭނާގެ މައްޗަށް ދައުވާކުރުމަށް އެދި މިއަދު ފޮނުވި މައްސަލައަކީ މިދިޔަ މަހުގެ އެއްވަނަ ދުވަހު މައްޗަންގޮޅި ސަހަރާ ކައިރީގައި ހުންނަ "ޕަރާއޯ" ފިހާރައަށް ވަދެ، ވަޅިން ބިރުދައްކައި އެ ފިހާރައިގެ ވަތްގަނޑުގައި ހުރި ފައިސާ ފޭރުނު މައްސަލައިގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފަވާޒް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަވާޒަކީ މީގެ ކުރިން ތަފާތު އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.