ލިއޮނަލް މެސީއަކީ އާޖެންޓީނާ ކެޕްޓަން ނަމަވެސް، އޭނާއަށް މުޅި ޓީމު ބަރޯސާ ވެގެން، ނަތީޖާ ނެރުމަށް ނުވިސްނާ ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.

މެސީ، އާޖެންޓީނާއަށް ފުރަތަމަ މެޗެއް ކުޅުނީ 2005 ވަނަ އަހަރުއެވެ. އޭގެފަހުން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 192 މެޗުގައު 112 ގޯލު ޖަހައިފައެވެ. މެސީއަށް އާޖެންޓީނާއާ އެކު ފުރަތަމަ ކޮޅުގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައި ނުވި ނަމަވެސް، ފަހުން އޭނާ ވަނީ އެ ޓީމާއެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އިތުރުން ކޮޕާ އެމެރިކާވެސް ދެ ފަހަރު ހޯދައިފައެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އިރު، އެޓީމުން އެންމެފަހުން އުރުގުއާއީއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އުމުރުން 37 އަހަރުގެ މެސީ ކުޅެފައެއް ނުވެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

އެ ދެ މެޗުން ވެސް އާޖެންޓީނާ މޮޅުވެފައިވާ އިރު، ކޯޗު ސްކަލޯނީ ބުނީ މެސީއާ އެކު އަދި މެސީއާ ނުލައިވެސް މިހާރު އާޖެންޓީނާ ކުޅެނީ ހަމަ އެއް ސްޓައިލަކަށް ކަމަށެވެ. ކުރިން އެހެން އެކަން ނުވި ނަމަވެސް، މިހާރު މެސީ ނެތަސް މާ ބޮޑު ވިސްނުމަކަށް ދާން ނުޖެހޭ ކަމަށް ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ބުނީ މިހާރު އާޖެންޓީނާއަކީ ޓީމު ރޫހު ރަނގަޅު ޓީމެއް ކަމަށާއި، އާޖެންޓީނާގެ ޓެކްޓިކްސްއަށް ބަދަލު ނުގެނެސް، ކޮންމެ ކުޅުންތެރިއެއް ޓީމަށް އަރުވައިގެންވެސް ކުޅެވޭނެ ކަމަށެވެ.