އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯ، ބްރެޒިލްގެ ފްލަމެންގޯއަށް ސޮއިކޮށްފިއެވެ.

ފްލަމެންގޯއިން ކްލަބު ވޯލްޑް ކަޕަށް ތައްޔާރުވަމުންދާ އިރު، ޖޯޖީނިއޯ އެންމެފަހުން ކުޅުނު އާސެނަލް ދޫކޮށްލީ މީގެ ދެތިން ދުވަހެއް ކުރިންނެވެ. ޖޯޖީނިއޯ އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން އުވާލީ ދެފަރާތުން ވާހަކަ ދައްކާ، އެއްބަސްވެގެންނެވެ.

ޖޯޖީނިއޯ، އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ ޖުލައި 2028 އަށް ނަމަވެސް، އޭނާ ކްލަބު ބަދަލުކުރީ ފްލަމެންގޯއާއެކު ކްލަބު ވޯލްޑް ކަޕް ކުޅުމަށެވެ.

އުމުރުން 33 އަހަރުގެ ޖޯޖީނިއޯ ކުރިން ޗެލްސީއަށް ކުޅެފައިވާ އިރު، އޭނާ އެ ކްލަބު ދޫކޮށްލީ ޖެނުއަރީ 2023 ވަނަ އަހަރުއެވެ. ޗެލްސީ ދޫކޮށްލާ އާސެނަލަށް ގޮސް ޖޯޖީނިއޯ ވަނީ 78 މެޗު ކުޅެފައެވެ.

ޖޯޖީނިއޯ ކެރިއަރު ފެށީ އިޓަލީގެ ހެލާސް ވެރޯނާއިންނެވެ. އޭގެފަހުން ނަޕޯލީއަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އޭނާއަށް ކެރިއަރުގައި ތަށި ލިބިފައި ވަނީ ޗެލްސީގައެވެ. ޗެލްސީގައި ޖޯޖީނިއޯ ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގި އަދި ކްލަބު ވޯލްޑް ކަޕްވެސް ހޯދައިފައެވެ.