މުސްލިމުން އިއްޒަތްތެރި ބަޔަކަށްވުމަށް، މި އަޟްހާ އީދުން އާ ސަފުހާއެއް ހުޅުވާލައި، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހެދުމަށް އީދު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ އީދު ހުތުބާގައި ބުނީ މާތް الله ހައްޖާއި އީދު ޝަރުއުކުރެއްވީ މި އުންމަތުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، އެއްބަޔަކު އަނެއްބަޔަކާ އެކުވެރިވެ ދިރިއުޅުމަށާއި، އުންމަތް އާރާސްތުކުރުމަށްޓަކައި ކަމަށެވެ.
"ތިޔަބައިމީހުން މާތް اللهއަށް ބިރުވެތިވެ، ތަގުވާވެރިވާށެވެ! މި އީދުން އާ ސަފުހާއެއް ހުޅުވާލައި، ތިމާގެ މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދާށެވެ! އެއިރުން މުސްލިމުން އިއްޒަތްތެރި ބަޔަކަށް ވާނެއެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ އިސްލާމް ދީން އައީ އަޅުކަމުގެ ތެރެއިން މި އުންމަތުގެ ހަރުދަނާކަމާއި އާރާއި ބާރު ހާމަކޮށްދޭން ކަމަށާއި ކޮންމެ ދުވަހަކު ފަސް ވަގުތެއްގައި މިސްކިތުގައި މުސްލިމުން އެއްވާ އެއްވުމުން ދޭހަވަނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށެވެ.
"ކޮންމެ ހުކުރު ދުވަހަކު ގާއިމުކުރެވޭ ހުކުރު ނަމާދުން މިއަށް ވުރެ ބޮޑު ޖަމާއަތެއް ފެނެއެވެ. އީދު ނަމާދުން ރަށުގެ ގިނަބައެއްގެ ބޮޑު ބައްދަލުވުމެއް ފެނެއެވެ. ދެން ފެންނަނީ ހައްޖެވެ. އެއީ ދުނިޔޭގެ މުސްލިމުން ތަމްސީލުކޮށްދޭ އެއްވުމެކެވެ. އެހެންކަމުން ހައްޖަކީ މުސްލިމުންގެ އެއްބައިވަންތަކަން ދައްކުވައިދޭ އަޅުކަމެކެވެ..،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި ވަނީ އިސްލާމް ދީނުގެ ރޫހި ކަމުގައިވާ ތައުހީދުގެ ރަމްޒަކީ އިބްރާހިމްގެފާނު ކަން ފާހަގަކުރައްވައި، އިސްމާއީލްގެފާނު ދެއްކެވި ކިޔަމަންތެރިކަމުގެ ހެޔޮ ނަމޫނާގެ މައްޗަށް ވެސް އަލިއަޅުވާލައިފައެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ