ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުން ބަންދު ނުކުރަން ހައިކޯޓުން ހުކުމް ކުރުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އަނަސް މަރާލާފައިވަނީ 31 ޖުލައި 2017ގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީއެއްގައެވެ.
އަނަސްގެ މަރުގެ ދައުވާ ލިބޭ މީހުން ބަންދުނުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފުތާ ތެރޭގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތު ނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކުރިއެވެ.
އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށް ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައެވެ. ހައިކޯޓުން އެ އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ ދައުވާ ލިބޭ މީހުން ބަންދުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުން ހުކުމް ކުރީ ދައުވާ ލިބޭ މީހުން ބަންދު ނުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ މިއަހަރުގެ އެޕްރީލް މަހުގެ 28 ގަ އެވެ. ކޯޓުން ވަނީ އެ މައްސަލަ އަލުން ހައިކޯޓަށް ތަހުވީލު ކުރަން ހުށަހަޅަންވެސް ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް އަލުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހު އަނެއްކާވެސް ހުކުމް ކުރީ ދައުވާ ލިބޭ މީހުން ބަންދު ނުކުރުމަށެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ ދައުވާ ލިބޭ މީހުންނަށް ތުހުމަތު ކުރެވޭ ކުށް އެ މީހުން ކުރިކަމަށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ.
ދައުލަތުން އެދޭ ގޮތަށް ދައުވާ ލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށްވެސް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ދައުލަތުގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުގެ އެ ހުކުމެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް