އިޓަލީ އަލުން ވޯލްޑް ކަޕަށް ކޮލިފައި ކޮށްދެވޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ކޯޗު ލޫސިއާނޯ ސްޕެލެޓީ ބުނެފިއެވެ.

އިޓަލީން އެންމެފަހުން ވޯލްޑް ކަޕެއްގައި ކުޅެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭގެފަހުން 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް އިޓަލީއަށް ފުރުސަތު ގެއްލިފައިވާ އިރު، އެޓީމަށް ވޯލްޑް ކަޕަށް ކޮލިފައިވުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ.

ޔޫރޯ 2020 ކާމިޔާބު ކުރި އިޓަލީން މިފަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ރަނގަޅަށް ފަށައި، މިހާތަނަށް ކުޅުނު ދެމެޗުންވެސް އޮތީ ކާމިޔާބު ކޮށްފައެވެ. އެޓީމަށް ދެން އޮތީ ކޮލިފިކޭޝަން ގްރޫޕް އައިގެ މުހިއްމު މެޗެކެވެ. އެއީ ނޯވޭއާ ދެކޮޅަށް ހުކުރު ދުވަހު ކުޅޭ މެޗެވެ.

"އަހަރެން ބުނާނީ އަބަދުވެސް ސާފު ތެދަށް. ނޯވޭގައި އަހަރެމެންނަށް ކޮންމެ ހާލަތަކާވެސް ކުރިމަތިވެދާނެ. އެމެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް އެންމެ މުހިއްމު މެޗު. އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައިވާންވެސް ޖެހޭ. އެއީ އަހަރެމެންނަށް ކުރަން މަޖުބޫރު ކަމެއް. އެކަމަށް އަހަރެމެންނަށް ޔަގީންކަންވެސް އެބަ އޮތް،" ސްޕަލެޓީ ބުންޏެވެ.

އިޓަލީ މީގެ ކުރިން ހަތަރު ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، އިޓަލީ އޮތީ ރަނގަޅު ފޯމެއްގައެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް އޮތީ، އެމެރިކާއާއި ކެނެޑާ އަދި މެކްސިކޯގައެވެ. އެއީ އެ އަހަރު ޖޫން 11 އިން ޖުލައި 19 އަަށެވެ.