އިންޓަ މިލާންގެ ސްކޮޑުގައި ދުނިޔޭގެ ޗެމްޕިއަނުންނަނީ ޔޫރަޕްގެ ޗެމްޕިއަނުން އެބަތިބި ކަމަށާއި، ފައިނަލަކަށް ނަފުސާނީ ގޮތުން ތައްޔާރުވާން އެނގޭ ކަމަށް ކޯޗު ސިމިއޯން އިންޒާގީ ބުނެފިއެވެ.

އިންޓައިން އެންމެފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލެއް ކުޅުނީ 2023 ވަނަ އަހަރުއެވެ. އެފަހަރު މެންޗެސްޓާ ޔުނައިޓެޑް ކައިރިން ބަލިވެފައިވާ އިރު، އެޓީމުން ވަނީ މީގެ ކުރިން ތިން ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ.

މިރޭ ޕީއެސްޖީއާ ދެކޮޅަށް ނުކުންނަ އިރު، ލީގު ގެއްލިފައި އޮތުމުގެ އިތުރުން އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފައި އޮތް އޮތުން ހަނދާން ނައްތާލަން ޖެހޭ ކަމަށް ކޯޗު އިންޒާގީ ވަނީ ބުނެފައެވެ. އިންޒާގީ ބުނީ މިރޭ މިއުނިކްގައި އޮންނަ ފައިނަލަށް ނުކުންނާނީ ރަނގަޅަށް މެންޓަލީ ތައްޔާރު ވެގެން ކަމަށެވެ.

"އަހަރެމެން ޓީމުން ކުރީގެ ފައިނަލާ ހެދި ފޯކަސް ގެއްލުވައެއް ނުލާނެ. އެކަންކަމުގައި ހައްދެއް އޮންނާނެ. ކުޅުންތެރީން ބަދަލުހިފުމުގެ ރޫހު ދޫކޮށް، ފުރުސަތު ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްކުރަން." އިންޒާގީ ބުންޏެވެ.

އިންޒާގީ ބުނީ ލީގު ގެއްލުމަކީ ހިތްދަތި ކަމެއް ނަމަވެސް، އެކަހަލަ ކަންކަމަށް ތައްޔާރު ވެވޭނެ ވަރުގެ ސްކޮޑެއް އިންޓަގައި އެބަ އޮތް ކަމަށެވެ.

"ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ ހިސާބުންވެސް އަހަރެމެންނަށް ވަރަށް ކަންތައްތައް ދަސްވެއްޖެ. އެއީ ތަޖުރިބާއެއް. މިއީ މި ސީޒަނުގައި އަހަރެމެންނަށް، ޓީމަށް އެންމެ މުހިއްމު މެޗު. އެހެންވީމަ ތަޖުރިބާކާރު ކުޅުންތެރީންނަށް މެޗަށް ތައްޔާރުވާނެ ގޮތް އެނގޭނެ." އިންޒާގީ ބުންޏެވެ.

އިންޓަގެ ސްކޮޑަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ތަޖުރިބާކާރު އެއް ސޮކޮޑެވެ. އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދި ލައުޓާރޯ މާޓިނޭޒް ޓީމު ލީޑު ކުރަމުން އަންނަ އިރު، ފެޑެރީކޯ ޑިމާކޯއާއި ބެންޖަމިން ޕަވާޑް އަދި އެލެސާންޑްރޯ ބަސްޓޯނީއަކީ އިންޒާގީއަށް މުހިއްމު ކުޅުންތެރިންނެވެ.