ލިވަޕޫލަށް 10 މިލިއަން ޕައުންޑް ދައްކައިގެން، ރެއާލް މެޑްރިޑުން ކްލަބު ވޯލްޑް ކަޕުގެ ކުރިން ޓްރެންޓް އެލެކްސެންޑާ އާނޯލްޑް ގެންގޮސްފިއެވެ.

ލިވަޕޫލްގައި 20 ވަރަކަށް އަހަރު ހޭދަކުރުމަށްފަހު އާނޯލްޑް ކްލަބު ދޫކޮށްލީ ރަސްމީކޮށް ސަޕޯޓަރުންނަށް އަލްވަދާއު ކިޔުމަށްފަހު އެވެ.

އާނޯލްޑް، 26އ، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އެ އެއްބަސްވުން ހަމަވުމާއެކު އޭނާ ހިލޭ ޓްރާންސްފާއެއްގައި ގެންދިއުމަށްވެސް ރެއާލަށް ފުރުސަތު އޮތެވެ. އާނޯލްޑްގެ ލިވަޕޫލް އެއްބަސްވުން ހަމަ ވާން އޮތީ ޖޫން މަހުގެ ނިޔަލަށެވެ.

އެހެންނަމަވެސް، އޭގެ 16 ދުވަސް ކުރިން ކްލަބު ވޯލްޑް ކަޕް ފަށާ އިރު، ރެއާލް ބޭނުންވީ ކްލަބު ވޯލްޑް ކަޕަށް އާނޯލްޑް ގެންދާށެވެ. އެއީ ޖޫން އެކަކުން 10 އަށް ކުޑަ ޓްރާންސްފާ ވިންޑޯއެއްގައި ކްލަބުތަކަށް ޓްރާންސްފާގެ ފުރުސަތު ދޭން ފީފާއިން ނިންމާފައިވާތީއެވެ.

އާނޯލްޑް އެއްބަސްވުން ހަމަ ނުވަނީސް ގެންދަން ރެއާލުން ކުރި މަސައްކަތުގައި ލިވަޕޫލުން އެކަމަށް އެއްބަސްވީ 10 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ ރިލީސް ފީއެއްގެ ގޮތުގައި ރެއާލުން ދެއްކި އަދަދެކެވެ.

އާނޯލްޑަކީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް އުފަން ކުޅުންތެެރިއެކެވެ. އޭނާ ވަނީ އެ ކްލަބަށް 352 މެޗު ކުޅެފައެވެ. 2016 ވަނަ އަހަރުން ފެށިގެން އާނޯލްޑް ލިވަޕޫލަށް ކުޅެފައިވާ އިރު، އޭނާއަކީ ސައިޑް ބެކެއް ނަމަވެސް މުހިންމު ގޯލުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. އެގޮތުން އާނޯލްޑް ވަނީ 23 ގޯލު ޖަހައި 86 އެސިސްޓް ފުރިހަމަކޮށްފައެވެ.

އާނޯލްޑް ވަނީ 2019-20 ވަނަ އަހަރުވެސް ލިވަޕޫލާއެކު ލީގު ކާމިޔާބުކޮށް، މި ސީޒަނުގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 2022 ވަނަ އަހަރު އެފްއޭ ކަޕްވެސް އާނޯލްޑް ވަނީ ލިވަޕޫލާއެކު ކާމިޔާބުކޮށްފައެވެ.