ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ކަނޑައަަޅައި، ބަނޑާރަ ނާއިބު އޮފީހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދު ކަމަށެވެ. އެ ބިލަކީ މިމަހު 15 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އެ ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ.

މި ބިލް ތަސްދީގުކުރެއްވުމާ އެކު، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު ވުޖޫދުވީއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ބިލު ތަސްދީގުކުރައްވައި، ގެޒެޓުގައި ޝާއިއުކުރާތާ 90 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭހެން ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުމަށް ހުށަހެޅި ބިލެކެވެ. އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް އެ ބިލުގެ ބޭނުމެކެވެ.

ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.

މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސާވިސްއާއި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ. ބިލުގައިވާ ގޮތުން މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރެވެ.

އޭގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާ އިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނައިފައެވެ.