ދިރާގުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން، މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުވައްޒަފުންގެ ބައިވެރިވުމާއި އިސްނެގުން އިތުރުކުރުމުގެ މަގުސަދުގައި ތައާރަފުކުރި 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމްގެ ފުރަތަމަ އެޑިޝަން ކާމިޔާބު ކުރި ޓީމްތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

ދިރާގުން ބުނީ "ޕިޗް ފޯ ޕާޕަސް"އަކީ އިޖުތިމާއީ ޒިންމާ އަދާކުރުމުގައި މުވައްޒަފުންގެ ބައިވެރިވުން އިސްކޮށް، އެ މުވައްޒަފުންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވާ އިޖުތިމާއީ ކަންކަން ދެނެގަނެ، އެ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ދިރާގުގައި ފަރުމާ ކުރެވުނު މިފަދަ ފުރަތަމަ ސީއެސްއާރް ޕްރޮގްރާމް ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ އެޑިޝަނަށް ދިރާގުގެ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ޖުމްލަ 20 ޓީމަކުން ބައިވެރިވެ، 15 ޕްރޮޕޯޒަލެއް ވަނީ މި ޕްރޮގްރާމަށް ހުށަހަޅައިފައެވެ. އަދި މި ޕްރޮގްރާމްގެ ފައިނަލް ޕިޗް އިވެންޓް ކާމިޔާބުކަމާ އެކު ނިންމާލުމަށްފަހު، ޕްރޮގްރާމް ތެރެއިން ހޮވިފައި ވަނީ އެންމެ ފާހަގަކޮށްލެވޭ ތިން ޕްރޮޖެކްޓެކެވެ.

ހޮވުނު ޕްރޮޖެކްޓްތަކަކީ:

  • އީއޯސީ ރިޕްލް އިފެކްޓް – ބ. ޑިޖިޓަލް އިންކްލޫޝަން އެންޑް ކޮންޓެންޓް ކްރިއޭޝަން: މިއީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން، ޑިޖިޓަލް އިންކްލޫޝަންއަށް އިސްކަންދީގެން ހިންގާ ޕްރޮގްރާމެކެވެ.
  • ރޯޑްވައިޒް ކޮމިއުނިޓީ ޓީމް – ކޮމިއުނިޓީ ރޯޑް ސޭފްޓީ އިނިޝިއޭޓިވް: މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މުޖުތަމައު ހޭލުންތެރި ކުރުވުމަށާއި ޒިންމާދާރުކަމާ އެކު މަގުމަތީގެ އާދަތައް ބެހެއްޓުމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
  • އޮޑިސީ – ދަ ލިވިންގް ކެންވަސް އެންޑް ގްރޯތް ސްކޮޑް: މިއީ ތިމާވެށީގެ ހޭލުންތެރިކަން އިތުރު ކުރުމަށާއި ތަފާތު އާ ގޮތްތަކަށް ތިމާވެށީގެ މައުލޫމާތު ފޯރުކޮށްދިނުމާ އެކު، ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތް ކުރުމަށް ރާވިފައިވާ ޕްރޮގްރާމެކެވެ

ދިރާގުން ބުނީ މި ޕްރޮޖެކްޓްތައް ކާމިޔާބު ކުރި ޓީމުތަކުން ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް ވަނީ ތައްޔާރުވެފައި ކަމަށެވެ.

ދިރާގުން ބުނީ ކާމިޔާބުކަމާ އެކު ބޭއްވުނު "ޕިޗް ފޯ ޕާޕަސް" ގެ ފުރަތަމަ އެޑިޝަނަކީ، މުވައްޒަފުންގެ ފުރިހަމަ ބައިވެރިވުމާ އެކު އިޖުތިމާއީ ޒިންމާ އަދާކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ މި ޕްރޮގްރާމްގެ ސަބަބުން ކުންފުނީގެ އެކި ދާއިރާތަކުގެ މުވައްޒަފުން އެކުވެ، އެމީހުން އެންމެ ލޯބިކުރާ ކަންކަމަށް ވަކާލާތު ކުރުމުގެ ފުރުސަތު ލިބި، މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.