ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ދާންވީ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިހެން ވިދާޅުވީ، އަންނަ 2027 ވަނަ އަހަަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑޮލަރު ލިބުން ދަތިވާ މައްސަލައިގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގަވަރުނަރު ވިދާޅުވި ގޮތުގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ ޓެކްސް އިދާރާ، މީރާގެ ޒިންމާއެއް ކަމަށް ވިޔަސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ ކަމަށެވެ.
މީރާއިން ހިއްސާ ކޮށްފައިވާ ހިސާބުތަކާ ހަވާލާދެއްވައި މުނައްވަރު ވިދާޅުވީ، 185 ރިސޯޓްގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ ގާތްގަނޑަކަށް 50 ރިސޯޓަކުން ކަމަށެވެ. އެކަމުުގައި ފައިދާއެއް ނުވުން ނޫނީ ކޮންމެވެސް ކަހަަލަ މައްސަލަތަކެއް އެބައުޅޭ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މީރާ ދާންވނީ ކަންމަތީ ފިހާރައަށް އެކަނި ނޫން ކަމަސާއި ޓޫރިޒަމްގެ ހުރި ހިސާބުތައް ރަނގަޅުތޯ ބަލަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ނަމަ އެއީ ރައްޔިތުންގެ ބޭނުންތަކަށް ފުދޭވަރުގެ އަދަދެއްކަން ފާހަގަކުރައްވައި މުނައްވަރު ވިދާޅުވީ، ކޮންމެ ޑޮލަރެއް ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން އެމްއެމްއޭއިން ކުރާ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުކަށި ކުރާނެ ކަމަށެވެ.
"މޮނިޓާކުރަން އެބަޖެހޭ އިނގޭތޯ، މޮނިޓާނުކުރީމާ ވާ ގޮތަކީ އެ ޑޮލަރެއް ނުވަދޭ ރާއްޖޭގެ ބޭންކިން ސިސްޓަމަކަށް. ބޭންކިން ސިސްޓަމަށް ނުވަންޏާ ވާނެ ގޮތަކީ އެ ދައުރެއް ނުވާނެ ނޫންތޯ ރާއްޖޭގައި،" ގަަވަރުނަރު ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކާ އެކުގައި ވެސް ޑޮލަރުގެ ދަތިކަން ހައްލުކުރުމަކީ އޭނާ ވިދާޅުވި ގޮތުގައި އެެއް ދުވަހުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޑޮލަރު ލިބުން ދަތިވާ މައްސަލަ ހައްލުވާނެ ގޮތަކީ ޑޮލަރުގެ އަގު މާކެޓްގައި ބަދަލުވާން ދޫކޮށްލުން (އެކްސްޗޭންޖް ރޭޓް ފްލޯޓްކޮށްލުން) ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނަމަ ކުރީގެ ސަރުކާރުތަކުން އެކަން އެގޮތަށް ނުކުރީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ޑޮލަރު ރޭޓް ފްލޯޓް ނުކުރެވޭ ސަބަބަކީ ބާޒާރުގައި މިހާރު ޑޮލަރުގެ އަގު ކަނޑައަޅަނީ ބްލެކްމާކެޓް ކަމަށް ވެފައި އޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް