ދައުލަތުން ހަރަދުކޮށްގެން ހިންގާ ހުރިހާ މަޝްރޫއުތަކެއް އޮޑިޓްކުރާ އުސޫލުން ރަސްމާލެ މަޝްރޫއު ވެސް އޮޑިޓްކުރާނެ ކަމަށް، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނިޔާޒީ ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ރަނގަޅީ އާމްދަނީ ލިބޭނެ ގޮތެއް ހިމަނައިގެން ކަމަށެވެ.

މީގެ އިތުރުން ބިންހިއްކުމުގެ މަަޝްރޫއުތަައް ފީޒިބަލްކޮށް ހިންގޭނީ ކޮމާޝަލް ބައެއް ހިމަނައިގެންކަން ގަބޫލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވީ، ބިން ހިއްކާ އިރު ކޮމާޝަލް ބައެއް ނުހިމަނާ ނަމަ ހިއްކާ ބިންތައް ހުންނާނީ ބޭނުން ނުކުރެވި ކަމަށެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި ދައުލަތުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދައުލަތުން ޖުމްލަ 19 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، އެ ތަންތަނުގައި ކޮމާޝަަލް ބައެއް ހިމެނި ނަމަ އެ ފައިސާގެ 80 ޕަސެންޓް މިހާރު އޮތީހީ ލިބިފައިކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެގޮތަށް ހިއްކި ގިނަ ބިންތަކަށް ކަރަންޓާއި ފެން ފަދަ ހިދުމަތްތައް ނުދޭތީ ގެދޮރު އެޅުމަށާއި އިންޑަސްޓްރިއަލް ކަންތައްތަކަށް ވެސް އަދި ބޭނުންކުރެވެމުން ނުދާ ކަަމަށާއި، ބިންތައް އެގޮތަށް ބޭނުންނުކުރެވި ހުރި އިރު އެ ތަންތަނުގެ ކޮމާޝަލް ވެލިއު 15 ބިލިއަނަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.