އިނގިރޭސި ޕްރިމިއާ ލީގުގެ ވުލްވްސްއަށް ކުޅެމުން އަންނަ ބްރެޒިލްގެ މަތެއަސް ކޫންޔާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ކޫންޔާގެ އަގަކީ 62.5 މިލިއަން ޕައުންޑެވެ. އެއީ އޭނާގެ ރިލީސް ފީވެސް މެއެވެ. ވުލްވްސް އާއެކު ޔުނައިޓެޑުން ވަނީ އެ އަގަށް އެއްބަސްވުމަކަށް އައިސްފައެވެ. އަދި އެ ޓްރާންސްފާ ފީ ދައްކާނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި އެއީ ދެ އަހަރު ދުވަހުގެ މުއްދަތަކުން ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

އިތުބާރު ހުރި ނޫސްތަކުން ބުނެފައިވާ ގޮތުން ޔުނައިޓެޑުން ދަނީ ކޫންޔާއާ ވާހަކަދައްކަމުންނެވެ. އަދި އެއްބަސްވުމަކަށް އައުން އޮތީ ގާތުގައި ކަމަށް ބުނެއެވެ.

އަގަކަށް އެއްބަސްވެފައި އޮތް ނަމަވެސް، ޔުނައިޓެޑުން އަދި ރަސްމީކޮށް ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ކޫންޔާ، ވުލްވްސްއާ ގުޅުނީ 2023 ވަނަ އަހަރުއެވެ. އެއީ އެތުލެޓިކޯ މެޑްރިޑުންނެވެ. އޭގެފަހުން އޭނާ ވަނީ ވުލްވްސްއަށް 92 މެޗު ކުޅެދީ، 33 ގޯލު ޖަހައި ދީފައެވެ.

ކޫންޔާގެ އަގުގެ 20.8 މިލިއަން ޕައުންޑް ޔުނައިޓެޑުން މިހާރުން މިހާރަށް ވުލްވްސްއަށް ދައްކަން ތައްޔާރުވެފައިވާ އިރު، ދެވަނަ ޕޭމަންޓް ދައްކަން ނިންމާފައި ވަނީ އަންނަ ސީޒަން ނިމޭ ތަނުންނެވެ. އަދި އެއްކޮށް ފައިސާ ދައްކަން ނިންމަން ތައްޔާރުވަނީ 2027 ވަނަ އަހަރުއެވެ.