ސްޕެނިޝް ލަ ލީގާގެ ޗެމްޕިއަންކަން ހޯދާފައިވާ ބާސެލޯނާ އިން މި ސީޒަނުގެ ލީގުގައި ކުޅުނު ފަހު މެޗުގައި އެތުލެޓިކޯ ބިލްބާއޯ ކައިރިން މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ބާސާ އިން ކުޅުނު މެޗުގައި ބިލްބާއޯ ކައިރިން މޮޅުވީ 3-0 ގެ ނަތީޖާ އަކުންނެވެ. ބާސާ އިން ލީގު ޗެމްޕިއަން ކަމާއެކު ސީޒަން ނިންމާލީ 38 މެޗުން 88 ޕޮއިންޓާއެކުގައެވެ. އެންމެ ގާތުން ވާދަކުރި ވާދަވެރި ރެއާލަށް 38 މެޗުން ލިބުނީ 84 ޕޮއިންޓެވެ.
ބާސާ އިން ތާރީހުގައި އެ ޓީމުގެ 28 ވަނަ ލީގު ތަށި ޔަގީންކޮށްފައި އޮވެގެން ސީޒަން ނިންމާލި އިރު، ރޭގެ މެޗުގެ 14 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޯސްކީ ޖެހި ގޯލަކީ މި ސީޒަނުގައި އެ ޓީމުން ޖެހި 100 ވަނަ ގޯލެވެ.
އޭގެ ތިން މިނެޓް ފަހުން ލެވަންޑޯސްކީ އޭނާގެ ދެވަނަ ގޯލު ޖެހި އިރު، އެއީ އޭނާ މި ސީޒަނުގެ ލީގުގައި ޖެހި 27 ވަނަ ގޯލެވެ. އަދި މުޅި ސީޒަނުގައި އޭނާ ޖެހި 40 ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ބާސާ އިން މެޗު ޑޮމިނޭޓް ކޮށް ކުޅުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ބިލްބާއޯ އިން ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. މަރޮއާނޯ ސައްނަޑީއަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި އިރު، ބާސާއަށް މެޗު ޔަގީން ކޮށްދިނީ ބަދަލަކަށް ނުކުތް ޑެނީ އޮލްމޯ އެވެ. އޭނާ ތިންވަނަ ގޯލު ޖަހައި ދިނީ ޕެނަލްޓީ އަކުންނެވެ.
މުޙައްމަދު ޝަމްޢޫން
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ