ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕްގެ ޓީމަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ކްލަބު ވޯލްޑް ކަޕް ބާއްވަން ފީފާއިން ނިންމާފައި ވަނީ މުޅިން އާ ފޯމެޓަކަށެވެ. ޖުމުލަ 32 ޓީމާއެކު މިފަހަރު ކްލަބު ވޯލްޑް ކަޕް ބާއްވާނީ އެމެރިކާގައެވެ. އެ މުބާރާތް ސީޒަން ފަހަތަށް ތާވަލުކޮށް، މަހެއް ދުވަހަށް ދިގު ދެމިގެންދާ ގޮތަށް ބާއްވަން ފީފާއިން ނިންމާފައިވާ އިރު، މިފަހަރުގެ މުބާރާތް ޖޫން 14 ގައި ފަށާނެއެވެ.
ކްލަބު ވޯލްޑް ކަޕަށް ޓީމުތައް ކޮލިފައިވެ ނިމިފައިވާ އިރު، ކޮލިފިކޭޝަން ޓީމުތަކުގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓް ގައުމުގެ އިންޓަ މިއާމީއެވެ. އެ ޓީމަށް އާޖެންޓީނާގެ ކެޕްޓަން، ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ކުޅެމުންދާ އިރު، މެސީގެ ވާދަވެރިޔާ ރޮނާލްޑޯވެސް މުބާރާތުން ފެނިގެން ގޮސްދާނެ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.
"ރޮނާލްޑޯވެސް ކްލަބު ވޯލްޑް ކަޕްގެ ޓީމަކަށް ކުޅުން އެކަށީގެންވޭ. ބައެއް ކްލަބުތަކުން އެކަމުގެ މަޝްވަރާތައްވެސް ކުރަމުން ދަނީ. ކްލަބު ވޯލްޑް ކަޕަށް ރޮނާލްޑޯ ހޯދަން ކްލަބަކުން މަސައްކަތް ކުރަމުންވެސް ގޮސްދާނެ،" މަޝްހޫރު ޔޫޓިއުބާ އަދި ސްޓްރީމާ އައިޝޯ ސްޕީޑާ ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވިއެވެ.
ރޮނާލްޑޯ މިވަގުތު ސައުދީ ލީގުގެ އަލް ނަސްރަށް ކުޅެމުންދާ އިރު، އެ ކްލަބް ކްލަބު ވޯލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ. ރޮނާލްޑޯ 2022 ވަނަ އަހަރުން ފެށިގެން އަލް ނަސްރަށް ކުޅެމުންދާ އިރު، މި އަންނަ ޖޫން 30 ގެ ނިޔަލަށް އެއްބަސްވުން ހަމަވާނެއެވެ.
ރޮނާލްޑޯ ކްލަބު ދޫކޮށްލަން ވިސްނާ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވާ އިރު، އޭނާ ގެންދަން ބައެއް ކްލަބުތަކުން ބަލަމުންދާ ކަމަށް ނޫސްތައް ބުނެއެވެ. ސްޕެއިންގެ ނޫސްތަކުން ބުނީ ބްރެޒިލްގެ ކްލަބަކުންވެސް ރޮނާލްޑޯ ހޯދަން މަސައްކަތް ކުރާ ކަމަށާއި، އެކަމުގައި ތަފްސީލުތައް އަދި ހާމަވެފައި ނުވާ ކަމަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ