ސްޕެނިޝް ލީގުގައި ރޭ، މިފަހަރުގެ ލީގު ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ބާސެލާނާއިން ކުޅުނު މެޗުގައި ވިޔަރެއާލް ކައިިރިން ބަލިވި އިރު، ރެއާލް މެޑްރިޑުން ސެވިއްޔާ ބަލިކޮށްފިއެވެ.
ބާކީ ދެމެޗު އޮއްވާ ބާސާއިން ލީގު ތަށި ޔަގީން ކޮށްފައިވާ އިރު، ރޭ ވިޔަރެއާލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނައިގައި އޮތް ރެއާލުން ރޭ ސެވިއްޔާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ރެއާލް ރޭ މޮޅުވީ، ސެވިއްޔާއަށް ދެ ރަތް ކާޑު ދައްކާފައި އޮއްވައެވެ.
ބާސާއިން ކުޅުނު މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭގައި ވިޔަރެއާލުން ވަނީ ގޯލު ޖަހައިފައެވެ. ނިކޮލަސް ޕެޕޭ ދުއްވާލި ބޯޅައިގައި ވިޔަރެއާލަށް ލީޑު ނަގައިދިނީ އަޔޯޒީ ޕެރޭޒެވެ. އޭގެފަހުން ހާފު ނިމުމުގެ ކުރިން ލެމީން ޔަމާލް ޖަހައިދިން ހިތްގައިމު ގޯލާއެކު ބާސާއިން މެޗު އެއްވަރު ކޮށް، ބާސާއިން ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިން ދެވަނަ ގޯލު ޖެހީ ފާމިން ލޮޕޭޒެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި ވިޔަރެއާލުން ކުޅުން ރަނގަޅުކޮށް، ސަންޓި ކޮމެސާނާ ޖެހި ގޯލުން އަނެއްކާވެސް މެޗު އެއްވަރުކުރިއެވެ. އަދި އޭގެފަހުން މެޗު ނިމެން ދަނިކޮށް، 80 ވަނަ މިނެޓުގައި ޓަޖޯން ބުޗަނަން ޖެހި ގޯލާއެކު މުހިއްމު ތިން ޕޮއިންޓް ޔަގީންކުރިއެވެ.
ރޭގެ މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައެއް ވިޔަރެއާލަށް ވަނީ ޔަގީންވެފައެވެ. އެއީ ފަސްވަނަ ޔަގީންވުމާއެކުގައެވެ. އެޓީމަށް 37 މެޗުން ވަނީ 67 ޕޮއިންޓް ލިބިފައެވެ.
ރޭ ރެއާލާއި ސެވިއްޔާ ވާދަކުރި މެޗުގެ 12 ވަނަ މިނެޓުގައި ސެވިއްޔާގެ ލޮއިކް ބާޑޭއަށް ރަތެއް ދެއްކިއެވެ. އޭގެފަހުން ދެވަނަ ހާފުގެ ކުރީކޮޅުގައި، މެޗުގެ 48 ވަނަ މިނެޓުގައި އިސާކް ރޮމޭރޯއަށްވެސް ރަތެއް ދެއްކުމުން ސެވިއްޔާއިން ބާކީ ބައިގައި ކުޅުނީ ނުވަ ކުޅުންތެރިންނާއެކުގައެެވެ.
ކުޅުންތެރިން މަދުވުމުގެ ފައިދާ ނަގައި، ރެއާލުން މެޗުގައި ޖެހި ދެ ގޯލުވެސް ޖެހީ ފަހުކޮޅުގައެވެ. އެ ގޯލުތައް ޖެހީ ކިލިއަން އެމްބާޕޭއާއި ޖޫޑް ބެލިންހަމްއެވެ.
ބާސާއިން ކުޅުނު 37 މެޗުން 85 ޕޮއިންޓް ހޯދާފައިވާ އިރު، ރެއާލުން ދެވަނައިގައި އޮތީ 37 މެޗުން 81 ޕޮއިންޓާއެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ