ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގެންދަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެއްބަސްވުމަކަށް އައިސްފިއެވެ.

އުމުރުން 39 އަހަރުގެ ދަގަނޑޭއަކީ މީގެ ކުރިންވެސް ނިއުއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެންމެ ފުރަތަމަ 2006 އިން 2007 އަކަށް ނިއުއަށް ކުޅުމަށްފހު، 2012 އިން 2013 އަށް ދަގަނޑޭ ނިއުއަށް ކުޅެފައިވެއެވެ. އަދި އެންމެފަހުން އޭނާ ނިއުގެ ޖާޒީގައި ފެނުނީ 2017 އިން 2018 އަށެވެ.

ނިއުއަށް ކުޅުނު ކޮންމެ ފަހަރެއްގައި ވެސް ދަގަނޑޭ ވަނީ އެ ކްލަބާއެކު ކާމިޔާބީތައް ހޯދައިފައެވެ. އެގޮތުން 2006، 2012، 2013 އަދި 2017 ވަނަ އަހަރު ދަގަނޑޭ ވަނީ ނިއުއާ އެކު ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން އޭއެފްސީ ކަޕްގައިވެސް ދަގަނޑޭ ވަނީ ނިއުގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ދަގަނޑޭ ފުޓުބޯޅައަށް އެނބުރި އަންނަން ތައްޔާރު ވަނީ ސާޖަރީއަކަށްފަހުއެވެ. ކަކުލުގެ ސާޖަރީއަކަށްފަހު ދަގަނޑޭ އެނބުރި ކުޅުމަށް އަންނަން ތައްޔާރުވަމުންދާ އިރު، އޭނާ ގެންދަން ނިއުއިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެ ކްލަބުގެ ޗެއާމަން، އަހުމަދު މުބީން ވަނީ "ވަން ސްޕޯޓްސް" އަށް ޔަގީން ކޮށްދެއްވައިފައެވެ.

މުބީން ވިދާޅުވީ ނިއުއިން ދަގަނޑޭ ގެންދިޔައީ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ގެ ޕްލޭނެއް އޮވެގެން ކަމަށާއި ދަގަނޑޭއަކީ އަދިވެސް ފޯވަޑް ލައިނަށް ރާއްޖޭގެ އެއްވަނަ ކަމަށެވެ.

ނިއުއިން މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައި ނަމަވެސް، އެ ކްލަބުން ދަނީ އެފްްއޭއެމް ލީގު ކަޕްގައި ވާދަކުރަމުންނެވެ. ލީގު ކަޕް ސެމީއަށް ނިއުއިން ތައްޔާރުވަމުންދާ އިރު، އެ ކްލަބުން މިވަގުތު މަސައްކަތް ކުރަމުންދަނީ ޕްލޭނަކާ އެކު ދެމެހެއްޓެނިވި ކާމިޔާބީތަކަކާ ހަމައަށް ވާސިލުވާން ކަމަށް މުބީން ފާހަގަކުރެއްވިއެވެ.

އެގޮތުން ގިނަ ކުޅުންތެރިންގެ ސޮއި ހޯދާފައިވާނީ ތިން އަހަރަށް ކަމަށް މުބީން ވިދާޅުވެފައިވެއެވެ. އަދި ދަގަނޑޭއަކީ އުމުރުން ދޮށި ކުޅުންތެރިއެއް ނަމަވެސް، އޭނާގެ ލީޑާޝިޕް ޓީމަށް މުހިއްމު ކަމަށް މުބީން ފާހަގަކުރެއްވިއެވެ.