ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއަށް ކުޅެމުން އަންނަ ޖެރެމީ ފްރިމްޕޮންގް، ލިވަޕޫލާ ގުޅެން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ފްރިމްޕޮންގް ލިވަޕޫލާ ގުޅެން ހުރިހާ ކަމެއް ވަނީ ނިންމާފައިވެއެވެ. އެގޮތުން ލިވަޕޫލުން ފްރިމްޕޮންގްގެ ރިލީސް ފީ ދައްކަން ތައްޔާރުވެ، 35 މިލިއަން ޕައުންޑް ދޭން އެއްބަސްވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނޫސްތައް ބުނީ ލިވަޕޫލުން ރިލީސް ފީ ދެއްކިކަން، ފްރިމްޕޮންގްގެ ފަރާތުން އެޖެންޓް، ލެވަކޫސަންއަށް އަންގާފައިވާ ކަމަށެވެ. އިތުރަށް ނޫސްތަކުގައި ބުނީ ފްރިމްޕޮންގް ލިވަޕޫލަށް ދާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އަދި މިހާރު މެޑިކަލް ޝެޑިއުލް ކޮށްފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ކަނާތު ފަޅިން ފަހަތަށް ކުޅޭ ފްރިމްޕޮންގަކީ އުމުރުން 24 އަހަރުގެ ނެދަލޭންޑްސް ޑިފެންޑަރެކެވެ. އޭނާއަކީ މިވަގުތު ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދާ ކުޅުންތެރިއެއްވެސް މެއެވެ.

މެންޗެސްޓާ ސިޓީގެ ޔޫތު ޓީމުގައި ހިމެނުނު ފްރިމްޕޮންގް، އޭގެފަހުން ސެލްޓިކަށްވެސް ކުޅުމަށްފަހު ލެވަކޫސަންއަށް ދިޔައީ 2021 ވަނަ އަހަރުއެވެ. އެޓީމުން މިދިޔަ ސީޒަނުގައި ހޯދި ބޮޑު ކާމިޔާބީތަކުގައި ފްރިމްޕޮންގްގެ ހިއްސާ ބޮޑެވެ.

ލިވަޕޫލުން ފަހަތަށް ކުޅޭ ޑިފެންޑަރަކު ގެންދަން ނިންމާފައި ވަނީ އެ ކްލަބުގެ ލެޖެންޑް ޓްރެންޓް އެލެކްސެންޑާ އާނޯލްޑް، ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވުމާއެކުގައެވެ.