ބޯންމައުތަށް ކުޅެމުން ދިޔަ އުމުރުން އެންމެ 20 އަހަރުގެ ޑިފެންޑަރު ޑީން ހައުސަން، ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

ހައުސަންއަކީ ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ހޯދަން ބޭނުންވި ޑިފެންޑަރެކެވެ. އެގޮތުން ޗެލްސީންވެސް ހައުސަން ހޯދަން ރަނގަޅު ދެ ބިޑެއް ހުށަހަޅާފައިވާ އިރު، ހައުސަން ރެއާލަށް ދާން އެއްބަސްވީ 50 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ހައުސަން ރެއާލާއެކު އެއްބަސްވުމުގައި ސޮއިކުރިކަން މީޑިއާތަކުން ޔަގީން ކޮށްދީފައިވާ އިރު، ޓްރާންސްފާ ފީގެ އަގު، ޖުމުލަ 63 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ނޫސްތައް ބުނެއެވެ. ރެއާލުން ދެއްކި 50 މިލިއަން ޕައުންޑަކީ އޭނާގެ ރިލީސް ފީއެވެ. ދެން ބާކީ ފައިސާއަކީ ބޯނަސްގެ ގޮތުގައި ދިން ފައިސާއެވެ.

ނެދަލޭންޑްސްއަށް އުފަން ޑިފެންޑަރު ހައުސަން ސީނިއާ ކެރިއަރު ފެށީ އިޓަލީގެ ޔުވެންޓަސްއިންނެވެ. އޭގެފަހުން ބޯންމައުތަށް ބަދަލުވެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ އިރު، މި ސީޒަނުގެ 31 މެޗެއްގައި އޭނާ ކުޅެފައިވެއެވެ. ހައުސަން ފާހަގަކުރެވިފައި ވަނީ ފިޒިކަލީ ވަރުގަދަ، ޓީމު ލީޑް ކުރެވޭނެ ފެންވަރުގެ ޑިފެންޑަރެއްގެ ގޮތުގައެވެ.

ހައުސަންއަކީ ނެދަލޭންޑްސްއަށް އުފަން ޑިފެންޑަރެއް ނަމަވެސް، އޭނާއަށް ސްޕެއިން ގައުމީ ޓީމު ތަމްސީލުކުރެވޭތީ، ސްޕެއިނުން ވަނީ ދާދިފަހުން އޭނާ ސްކޮޑަށް ނަގައިފައެވެ. ހައުސަން އުޅެ ބޮޑުވީ މަލާގާގައެވެ.

ހައުސަންގެ ޓްރާންސްފާއާއެކު، އެ އަގުގެ 10 ޕަސެންޓް ޔުވެންޓަސްއަށް ލިބޭ އިރު، މަލާގާއާއި ސަން ފެލިކްސްއަށްވެސް 5 ޕަސެންޓްގެ ބޯނަސްއެއް ލިބޭނެއެވެ.

ރެއާލުން ކްލަބު ވޯލްޑް ކަޕަށް ނުކުންނާނީ ހައުސަން ޓީމުގައި ހިމަނައިގެންނެވެ.